އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކާމިޔާބުވެއްޖެ ނަމަ، ޗާގޯސް މައްސަަލައިގައި ރާއްޖެއަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު އަލުން ހޯދަން އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރަން އެ ޕާޓީން ނިންމައިފިއެވެ.

މ. ކުނޫޒްގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ޗާގޯސް މައްސަލައާ ގުޅޭ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރަށް ތާއީދުކުރެއްވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.

އަލީ ހުސައިން ހުށަހެޅުއްވި ގަރާރުގައި އޭނާ ވިދާޅުވީ، ޗާގޮސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން މިދިޔަ އެޕްރީމް މަހު 28 ގައި ނިންމި ނިންމުމުގެ ސަބަބުން ގާނޫނުގެ ދަށުން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރަހައްދުން 45،000 އަކަ ކިލޯ މީޓަރު ގެއްލިފައިވާ ކަމަށެވެ.

އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ގޮވާލައިފައިވަނީ ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވުމުގައި ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އިސް ދައުރެއް އަދާކުރާތީއާއި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަމަލުކުރައްވާފައިވާ ގޮތުން ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްފައިނުވާތީ، އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރަން ސަރުކާރަށް ބާރު އެޅުމަށާއި ޖޭޕީގެ ވެރިކަމެއްގައި އެ މައްސަލަ އަލުން އިސްތިއުނާފުކުރުމަށެވެ.

ޖޭޕީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުރިހާ މެންބަރުންވެސް ވާހަކަދެއްކެވީ ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު އަލުން ހޯދުމަށް ބާރު އަޅައެވެ.

އެ ގަރާރަށް ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ އެ ގަރާރު ފާސްވެފައެވެ.

ޗާގޯސް މައްސަލައިގައި އިޓްލޮސްއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފައެވެ. އެއާއެކު ފުށޫ އަރާ ކަނޑުގެ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބުނު ނަމަވެސް، ރާއްޖޭގެ ކަނޑުގެ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ވަނީ ގެއްލިފައެވެ.