ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ތަސައްވުރު ހާސިލުކުރުމަށްޓަކައި 2027 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 6 ބިލިއަން ޑޮލަރު (92.1 ބިލިއަން ރުފިޔާ) ހޯދުމުގެ އަމާޒާ އެކު ރާއްޖޭގެ ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން މިއަދު އިފުތިތާހު ކޮށްފިއެވެ.
ކުރިއަށް އޮތް ހަތަރު އަހަރުތެރޭ ފަތުރުވެރިކަމުގެ ސިނާއަތުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ތަކާއެކު ރާއްޖޭގެ ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭން އިފުތިތާހު ކުރީ މިއަދު އެވެ. އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމާ އެކު އެކުލަވާލި އެ މާސްޓާ ޕްލޭން ނެރެދެއްވީ ގައުމީ ޔުނިވަސިޓީގައި ބޭއްވި ހަފްލާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ.
އެ ޕްލޭނުގައިވާ ގޮތުން ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ތަސައްވުރު ހާސިލުކުރުމަށްޓަކައި، ރާއްޖޭގެ ޕާފޯމަންސްއާއި ވާދަވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރަންޖެހެއެވެ. އަދި ޓޫރިޒަމް ސިނާއަތުގެ ސްޓޭކް ހޯލްޑަރުންނާއި ސަރުކާރާއި މުޖުތަމައުތަކުން މަސައްކަތް ކުރަންޖެހޭ އެންމެ ބޮޑު ޓާގެޓެކީ 2027 ވަނަ އަހަރުގެ ނިޔަލަށް ޓޫރިޒަމްގެ އާމްދަނީން އަހަރަކު 6 ބިލިއަން ޑޮލަރު ހޯދުމެވެ.
އެ އަމާޒު ކަނޑައެޅީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި އެމްއެމްއޭ އިން ނެރެފައިވާ އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ފިނޭންސް މިނިސްޓްރީއާއި މަޓީގެ އިތުރުން ސިނާއަތުގެ އެހެނިހެން ސްޓޭކް ހޯލްޑަރުންގެ ލަފަޔާއެކުއެވެ.
އަހަރަކު 6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ އަމާޒަށް ވާސިލުވުމަށް ޓޫރިޒަމް މާސްޓާ ޕްލޭންގައި ތަންފީޒުކުރަން ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އިންވެސްޓްމަންޓް އިތުރުކޮށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިސްޓް އެނދުތައް ގިނަކުރުމާއި ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ވުރެ، އޮކިއުޕެންސީ ރޭޓް ރަނގަޅުކުރުމާއި ރާއްޖޭގެ އޭވިއޭޝަން ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.
އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު 25-40 ޕަސެންޓަށް އަދި އެތެރޭގެ އުދުހުންތައް 50-60 ޕަސެންޓަށް އިތުރުކުރަން ހިމަނާފައިވާއިރު އެކަން ކުރުމަށްޓަކައި އެއާޕޯޓްތަކާއި އެއާކްރާފްޓުތަކަށް އިންފްރާސްޓްރަކްޗާގެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރަންޖެހޭ ކަމަށް ޕްލޭނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ޓޫރިޒަމްގެ ވަޒީފާތަކަށް ބޭނުންވާ ދިވެހިން ތަރައްގީކޮށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުންވެސް ހިމެނެއެވެ.
- 1. ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނަށް ޓޫރިޒަމުގެ ސަބަބުން ލިބޭ މަންފާ އިތުރުކުރުން
- 2. ރާއްޖޭގައި ޓޫރިޒަމް އިޝްތިހާރުކުރުމުގައި ހިއްސާކުރާ މައުލޫމާތަކީ ރާއްޖެއަށް ޝައުގުވެރިކުރުވަނިވި ސިފަތައް އެންމެ ފުރިހަމައަށް ސާފުކޮށް ދޭހަވާނެ ފަދައިން ހިއްސާ ކުރާ މައުލޫމާތަށް ހެދުން
- 3. ޓޫރިޒަމް ދާއިރާއަށް ތަފާތު އަދި އާ އުފެއްދުންތަކާއި ތަޖުރިބާތައް ތައާރަފްކުރުން
- 4. ދާއިރާގައި ޝާމިލުވާ އެންމެހާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިވެ ރާއްޖޭގެ ގުދުރަތީ ހަޒާނާތްތައް ހިމާޔަތްކުރަން މަސައްކަތްކުރުން
- 5. ދާއިރާގައި ޝާމިލުވާ އެންމެހާ ފަރާތްތަކުން އިއާދަކުރުވަނިވި ހަކަތައިގެ ނިޒާމުތައް ގާއިމުކޮށް ހަކަތަ ރައްކާތެރިކުރުމަށް އިސްކަންދީ ހަކަތައިން ތިމާވެއްޓަށް ކުރާ އަސަރުގެ "ނެޓް ޒީރޯ" ހާސިލުކުރުމަށް މަސައްކަތް ކުރުން
- 6. ޓޫރިސްޓުންނަށް ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ހިދުމަތް ކަށަވަރުކޮށްދިނުން
- 7. ދާއިރާގައި މަސައްކަތްތެރިން ދަމަހައްޓައި މަސައްކަތްތެރިން މި ސިނާއަތަށް ޝައުގެވެރިކުރުވުން
- 8. ދާއިރާއާ ގުޅުންހުރި އިންވެސްޓްމަންޓްތަކާއި އީޖާދީ ފައިނޭންސިން އަށް މަގުފަހިކޮށް އެފަދަ އިންތިޒާމުތައް ގާއިމުކުރުން
- 9. ވިޔަފާރިކުރުމަށް މަގުފަހި ކުރުމަށްޓަކައި ގެންނަންޖެހޭ ގާނޫނީ ބަދަލުތަކާއި އިސްލާހުތައް ގެނައުން
- 10. ޓޫރިޒަމް ދާއިރާ ޑިޖިޓަލައިޒްކުރުން އަވަސްކޮށް ވާދަވެރި މާހައުލެއް ގާއިމުކުރުން
- 11. ޓޫރިޒަމް ތަރައްގީކޮށް ދެމެހެއްޓުމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް އަހައްމިއްޔަތުކަން ދިނުން
- 12. ދާއިރާ އާ ގުޅުންހުރި ތަފްސީލީ ދިިރާސާތަކާއި ހޯދުންތަކަށް ބިނާކޮށް ޓޫރިޒަމް އިތުރަށް ފުޅާކުރުން
- 13. ސިއްހީ އަދި ސަލާމަތީ ކަންކަމާއި ގުޅުންހުރި ނިޒާމުތަކާއި ސިސްޓަމުތައް ވަރުގަދަކުރުން
- 14. ޓޫރިޒަމް ދާއިރާ ކުރިއަރުވާ ދާއިމީ ހެޔޮބަދަލުތަކެއް ގާއިމުކުރެވޭނެ މިންގަނޑުތަކެއް ތައާރަފުކުރުން
- 15. ޓޫރިޒަމްގެ ހިދުމަތްތަކަކީ އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ހިދުމަތަކަށްވުން
ޚަބަރު
ޚަބަރު
ޚަބަރު