ރ ފުއްގިރީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ފައިލް ދިފާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަންގައިފިއެވެ.
ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކުރެއެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުރަށާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ނިންމުމުގައި މައްސަލައާ ގުޅޭ ތަހުގީގުގެ ފައިލްތައް ލިބިދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންވެ ހެކިބަސް ނެގުމުގެ މަރުޙަލާގެ ކުރިން އެ ފައިލްގައިވާ ލިޔުންތައް ދިފާއުން ބަލަން ބޭނުންވާ ކަމަށެވެ.
ކްރިކް ރިޒާގެ ވަކީލުވެސް ވަނީ، މައްސަލައިގެ ފައިލް ބަލަން ބޭނުންވާ ކަމަށް ބަޔާންކޮށް އެ ފަރާތުންވެސް ޕީޖީ އޮފީހަށް ސިޓީ ހުށައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ގަޒިއްޔާގެ 50 ވަނަ ނުކުތާގައި ބަޔާންކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ އުސޫލަކުން، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ބޭނުންކުރާ މައްސަލައިގެ ފައިލް އެއްކޮށް ބެލުމުގެ ހައްގުވެސް ލިބިދޭ ކަމަށެވެ.
ދިފާއުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްދަވާ ގާޒީ ވަނީ ތަހުގީގު ފައިލް ދިފާއަށް ދޫކުރަން ނިންމައިފައެވެ. ގާޒީ ވަނީ މައްސަލައިގެ ތަހުގީގު ފައިލް ދިފާއަށް ދޫކުރުމަށް ނިންމަވައި، ކޯޓުގައި އެ ފައިލް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު