Close
އިޓާލިއަން ކަޕް

އިންޓާ އިން ކޮޕާ އިޓާލިއާ ދިފާއުކޮށްފި

އިންޓަ މިލާނުން ކޮޕާ އިޓާލިއާގެ ތަށި ދިފާއުކޮށްފިއެވެ.

އިޓަލީގެ ކަޕް ފައިނަލުގައި ރޭ އިންޓަ މިލާނުން ފިއޮރެންޓީނާ ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ނުވަ ފަހަރު އިންޓައިން އިޓަލީގެ ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ރޭގެ ތަށްޓާއެކު އެޓީމުން ވަނީ ދެވަނައަކަށް އެންމެ ގިނައިން ކަޕް ކާމިޔާބުކުރި ރޯމާއާ އެއްވަރު ކޮށްފައެވެ. މިހާތަނަށް ކޮޕާ އިޓާލިއާގެ އެންމެ ކާމިޔާބު ޓީމަކީ ޔުވެންޓަސްއެވެ. އެޓީމުން ވަނީ ޖުމުލަ 14 ފަހަރަށް އިޓަލީގެ ކަޕް ކާމިޔާބު ކޮށްފައެވެ.

ސްޓޭޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު ފައިނަލް ފެށިގެން ތިންވަނަ މިނެޓުގައި ފިއޮރެންޓީނާއިން ވަނީ ލީޑު ނަގައިފައެވެ. ފިއޮރެންޓީނާގެ ގޯލު ޖަހައިދިނީ ނިކޯ ގޮންޒާލޭސްއެވެ.

އެ ގޯލާއެކު ފިއޮރެންޓީނާއިން ލީޑު ނަގައިގެން ކުޅެމުން ދިޔަ ނަމަވެސް، އިންޓައިން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފައެވެ. އެ ދެގޯލުވެސް ޖަހައިދިނީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ. މާޓިނޭޒްގެ ފުރަތަމަ ގޯލު، މެޗުގެ 29 ވަނަ މިނެޓުގައި ހަނި އޭންގަލުން އޭނާ ކާމިޔާބުކުރި އިރު، އޭގެ އަށް މިނެޓް ފަހުން ހިތްގައިމު ވޮލީއަކާއެކު މާޓިނޭޒް ވަނީ އިންޓައަށް ލީޑުވެސް ނަގައިދީފައެވެ.

އިންޓައާއި ފިއޮރެންޓީނާއަށްވެސް މިއީ ޔޫރަޕްގައި ކާމިޔާބު ސީޒަނެކެވެ. ފިއޮރެންޓީނާއިން އަންނަ މަހުގެ ހަތްވަނަ ދުވަހު ވެސްޓް ހަމްއާ ދެކޮޅަށް ޔޫރޮޕާ ކޮންފަރެންސް ލީގު ފައިނަލުގައި ނުކުންނަ އިރު، އިންޓައިން އަންނަ މަހު 10 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ނުކުންނާނެއެވެ.

އިންޓައިން 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިއީ އޭގެ ފަހުން އެޓީމުން ކުޅޭ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ.