އޮސްޓްރޭލިއާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައިކޮމިޝަނެއް ހުޅުވައިފިއެވެ.

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނުކުރީ މިިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވާފައިވާކަން އިއުލާންކޮށް ލަންކާގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން އިއްޔެ ކުރި ޓުވީޓެއްގައިި ބުނި ގޮތުގައި، މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވުމުން ދެ ގައުމުގެ މެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި އެ ގައުމުގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވުމުން އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަން ގާއިމުކޮށްފައި ވަނީ ހޮޓެލް ޖެންގެ ފަސްވަނަ ފަންގިފިލާގައެވެ. ރާއްޖެއާއި އޮސްޓްރޭލިއާއިން ހާރިޖީ ގުޅުން ގާއިމްކުރީ ޖޫން 1974 ގައެވެ.