ފ. ނިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 61.75 މިލިއަން ރުފިޔާއަށް 510 ދުވަސް ދުވަސް ތެރޭގައި ނިންމުމަށެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން 55,141 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 6,933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 261 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 75 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 188 މީޓަރުގެ ސަރަހައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއި 194 މީޓަރުގެ ސަރަހައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުން ހިމެނެއެވެ.

މީގެ އިތުރުން 237 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިން ބޯއީސް ހަރުކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 100 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި 1,151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި 204 މީޓަރުގެ ކާބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.