ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އަށް ތާއިދު ކުރާ ފަރާތްތަކުން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އިން މޯލްޑިވްސް ތާޑް ވޭ ޑިމޮކްރަޓިކް (އެމްޓީޑީ) ގެ ކުލަ އާއި ނަން ކޮޕީކުރި ކަމަށް ތުހުމަތުކޮށްފިއެވެ.
އެމްޓީޑީން މިއަދުކުރި ޓުވީޓެއްގައި، އެ ޕާޓީގެ ކުލަ އާއި ނަން އަދި ސިޔާސަތުތަކަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓައި އޭނާ ހިޔާރު ކުރެއްވި ކަންކަން ކަމަށެވެ.
އަދީބު، ޕާޓީގެ ނަމަށް މޯލްޑިވްސް ތާޑް ވޭ ޑިމޮކްރަޓިކް ހިޔާރު ކުރެއްވީ އޭނާއަކީ ސެންޓްރިސްޓް ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުފުޅު ކުރައްވާ ބޭފުޅަކަށް ވުމުން ކަމަށެވެ. އަދި ޕާޓީގެ ކުލައިގެ ގޮތުގައި "ސްކައި ބުލޫ" އަދީބު ހަމަޖެއްސެވީ އޭނާ ޖަލުގައި ބަންދުކޮށްފައި ހުންނެވި އިރު ފެނިވަޑައިގެން ހަމައެކަނި މަންޒަރަކީ އުޑު ކަމަށްވުމުން ކަމަށް އެމްޑީޓީން ބުންޏެވެ.
"އެހެން ޕާޓީއަކުން އެމްޓީޑީގެ ކުލައިން އިންސްޕަޔާވެގެން ކުލައެއް ހަމަޖެއްސުމަކީ އުފާވާކަމެއް. އެހެންނަމަވެސް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ތެރޭގައި އަޅުގަނޑުމެންގެ އަދަބުވެރިކަމާއެކު އެދަނީ އެ ޕާޓީއަކުން އަމިއްލަ ނަންތަކާއި އަމިއްލަ ކުލަތައް ބޭނުން ކުރުމަށާއި އެމްޓީޑީގެ ކުލައާއި ނަން ކޮޕީ ނުކުރުމަށް،" އެމްޓީޑީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އިއްޔެ ވަނީ "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ދޭން ނިންމައިފައެވެ. އެ ޕާޓީ އުފައްދަން މަސައްކަތް ކުރައްވާ ބޭފުޅުން އިއްޔެ އީސީއަށް ވަޑައިގެންނެވި އިރު ތިއްބެވީ މަޑު ނޫކުލައިގެ ޓައިއެއް ތުރުކުރައްވައިގެންނެވެ.
"ދަ ޑިމޮކްރެޓްސް" އިން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައެވެ. އަދި އެ ޕާޓީން ބުނެފައިވަނީ ޕީޕީއެމް/ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއާއެކު ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު