ކުރިއަށް އޮތް ޔޫރޯ 2024 ގެ ކޮލިފިކޭޝަން މެޗުތަކަށް އިންގްލެންޑުން ނެގި ސްކޮޑުން ކްރިސްޓަލް ޕެލެސްގެ މިޑްފީލްޑަރު އެބެރެޗީ އެޒޭއަށް ޖާގަ ދީފިއެވެ.
މިއީ އެޒޭއަށް އިންގްލެންޑް ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެންމެފަހުން ޕެލެސްއާ އެކު އެޒޭ ލީގުގައި ކުޅުނު އަށް މެޗުގައި ހަ ގޯލު ޖަހާފައިވެއެވެ.
އިންގްލެންޑުން މިފަހަރު ސްކޮޑު އިއުލާނުކޮށްފައި ވަނީ ޔޫރޯ ކޮލިފިކޭޝަންގައި ޖޫން 16 ވަނަ ދުވަހު މާލްޓާއާ ދެކޮޅަށް ޓަގީލާގައި ކުޅޭ މެޗުގެ އިތުރުން، އޭގެ ތިން ދުވަސް ފަހުން އޯލްޑް ޓްރެފޯޑުގައި ނޯތު މެސަޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މިވަގުތު ޔޫރޯ ކޮލިފިކޭޝަން ގްރޫޕް ސީގެ އެއްވަނައިގައި އިންގްލެންޑް އޮތް އިރު، އެޓީމުން ވަނީ މީގެ ކުރިން އިޓަލީ އާއި ޔުކްރެއިން ބަލިކޮށްފައެވެ.
އަމިއްލައަށް ބޭނުންވެގެން އިންގްލެންޑް ސްކޮޑުން ރަހީމް ސްޓާލިން ބޭރުވެފައިވާ އިރު، ކޯޗު ގެރެތު ސައުތުގޭޓް ބުނީ ސްޓާލިންގެ ފިޓްނަސްއާ މެދު އަމިއްލައަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށާއި އޭގެ އިތުރުން ފަލަމަސްގަނޑުގެ އަނިޔާގެ މައްސަލަތަކެއްވެސް ސްޓާލިންގެ އެބައުޅޭ ކަމަށެވެ.
އޭގެ އިތުރުން ސްކޮޑުގައި ނުހިމެނުނު ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ރީސް ޖޭމްސް އާއި ބެން ޗިލްވެސް އަދި މޭސަން މައުންޓް ހިމެނެއެވެ. އެ ތިން ކުޅުންތެރިންވެސް މިވަގުތު ތިބީ އަނިޔާގައެވެ. އާސެނަލްގެ ބެން ވައިޓަށްވެސް ސްކޮޑުން ފުރުސަތު ދީފައިނުވާ އިރު، ޓޮޓެންހަމްގެ އެރިކް ޑަޔާ އާއި އޭސީ މިލާންގެ ފިކަޔޯ ޓޮމޯރީއަށްވެސް ސައުތުގޭޓް ފުރުސަތު ދީފައެއް ނުވެއެވެ. އޭގެ އިތުރުން އަނިޔާގައި ހުރި އިންގްލެންޑްގެ ގޯލްކީޕަރު، ނިއުކާސަލްގެ ނިކް ޕޯޕަށްވެސް މިފަހަރު ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.
ސައުތުގޭޓް ވަނީ އަނެއްކާވެސް ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑާއި ޓައިރޯން މިންގްސް އަދި ލެވިސް ޑަންކަށްވެސް އިންގްލެންޑް ސްކޮޑުން ފުރުސަތު ދީފައެވެ.
މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް އާއި ކައިލް ވޯކާ، ފިލް ފޮޑެންގެ އިތުރުން ޖެކް ގްރީލިޝް އާއި ކެލްވިން ފިލިޕްސްވެސް މިފަހަރު ސްކޮޑަށް ނަގާފައިނުވާ އިރު، އެ ކުޅުންތެރިންނަށް ސައުތުގޭޓް ފުރުސަތު ނުދިނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗު އޮތުމުންނެވެ.