އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާއި ސީންއަށް ދިޔަ ފުލުހެއްގެ ހެކިބަސް ކުރިމިނަލް ކޯޓުން މިއަދު ނަގައިފިއެވެ.

މޭރީ މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކޮށްފައިވާ އިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރެއެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާއެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ވަނީ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި އިސް ޑޮކްޓަރަކާއި އެހެން ޑޮކްޓަރެއްގެ އިތުރުން ސީންއަށް އެޓެންޑުވި ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓުމަންޓުގެ އިންވެސްޓިގޭޝަން އޮފިސަރުގެ ހެކިބަސް ނަގައިފައެވެ.

ހެކިބަސް ދެމުން، އޭގެ ތެރެއިން އެއް ޑޮކްޓަރަކު ވަނީ މޭރީ ހޮސްޕިޓަލަށް ގެނެވުނުއިރު އޭނާގެ މޫނުމަތީގެ ކުލަ، ދަނބު ކުލައަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތަށް އާއްމުކޮށް ދިމާވަނީ ކަރުގައި ހިފައި ނޭވާ ހާސްކުރުމުން ކަމަށް ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރު އިތުރަށް ބުނީ މޭރީ ދަންޖެހުނު ކަމުގެ ނިޝާނެއް ނެތް ކަމަށާއި ނަމަވެސް މޭރީގެ ކަރުގައި ކުޑަ ވާކޮޅެއް އޮތް ކަމަށެވެ.

ކޯޓުގައި ހެކިބަސް ދެމުން ކްރައިމް ސީންއަށް އެޓެންޑުވި ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓުމަންޓުގެ އިންވެސްޓިގޭޝަން އޮފިސަރު ބުނި ގޮތުގައި މޭރީ އޭނާއާ ޒުވާބުކުރަން ފެށުނީ ގޭގެ ފާހާނައިގެ އިސްކުރެއް ރަނގަޅު ނުކޮށް ހުރުމުން އެކަމާ ރުޅި އައިސްގެން ކަމަށް މާވިން ބުނެފައިވާ ކަމަށެވެ. އަދި އެ ޒުވާބަށް ފަހު މޭރީ އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތްކޮށް މާވިންއާ ދިމާލަށް އެއްޗެހި އުކަން ފެށުމުން އޭނާ ކޮޓަރިން ނުކުމެފައިވާ ކަމަށް މާވިން ބުނި ކަމަށެވެ. މޭރީ ދަންޖެހުނީ އެ ވަގުތުގައި ކަމަށް މާވިން ބުނެފައިވާ ކަމަށްވެސް އޮފިސަރު ބުންޏެވެ.

  • މޭރީ ދަންޖެހުނީ ބެޑްޝީޓެއް ބޭނުންކޮށްގެން، ކޮޓަރީގައި ހުރި ކުޑަ ދޮރެއްގައި ކަމަށް މާވިން ބުނެފައިވޭ
  • އެ ގެއަށް ދިޔައިރު އެ ކޮޓަރީގައި ބެޑްޝީޓަކާއި ކަތުރެއް ވެއްޓިފައި އޮތް އަދި އެތަނުގައި ފެން ހުރި
  • އެ ކޮޓަރީގައި އިންޖެކްޝަން ހުސްކުރި ޕެކެޓެއް އޮތް
  • އިންޖެކްޝަން ހުސްކުރި ޕެކެޓާމެދު މާވިންއާ ސުވާލުކުރުމުން އެއީ މޭރީ ބަލާ އައި ޕެރަމެޑިކް އެމްބިއުލާންސްއިން އައި މީހުން ގެނައި އެއްޗެއް ކަމަށް މާވިން ބުނި އަދި އެ އިންޖެކްޝަން ޖެހީ މާވިން އަމިއްލައަށް ކަމަށް ބުނި
  • މޭރީގެ ހަށިގަނޑުގެ ދެތިން ތަނެއް މަށައިގެން ގޮސް ކުދި ޒަހަމްތައް ހުރި
  • މާވިންގެ ގައިގައިވެސް ޒަހަމްތައް ހުރި
  • މޭރީގެ ކަރު ކުޑަކޮށް ރަތްވެފައި، މޫނުމަތިވެސް ރަތްވެފައި ހުރި.

މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ވަކީލުން ވަނީ ޝަރުތުތަކާ އެކު 100 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްދޭން އެދިފައެވެ. ލަމްހާ ބަންދުން ދޫކޮށްލަން އެދޭ ސަބަބެއްކަމުގައި ވަކީލުން ވިދާޅުވެފައިވަނީ ލަމްހާގެ ފަރާތުން މުޖުތަމައަށް މިހާރު ނުރައްކަލެއް ނެތުމުންނެވެ. އެއީ ލަމްހާގެ ވަޒީފާވެސް ގެއްލިފައިވުމުން ކަމަށް ބުންޏެވެ.

މީގެ އިތުރުން ޒުވާން އުމުރުގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހުންނަން ޖެހުމުން ނަފްސާނީ ކަންތައްތަކެއް ވެސް އޭނާއަށް ކުރިމަތިވެފައިވާ ކަމަށް ވަކީލުން ބުންޏެވެ.

ލަމްހާގެ ވަކީލުގެ ވާހަތަކަށް ފަހު ދައުލަތުން އެކަމާ މެދު ދެކޭ ގޮތް ސާފުކުރަން އެހުމުން ދައުލަތުގެ ވަކީލާ ވަނީ ލަމްހާ އަކީ މުޖުތަމައަށް ނުރައްކާވެދާނެ ހާލަތެއް އޮތުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެެއް ކަމަށް މީގެ ކުރިން ޝަރީއަތުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދިވެސް އެ ހާލަތު ދެމި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ލަމްހާގެ ބަންދަށް މި ވަގުތު ލުޔެއް ދެވެން ނެތް ކަމަށެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ މަހު ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅައިފައެވެ.