Close
ކްރިސްޓިއާނޯ ރޮނާލްޑޯ

އަލް ނަސްރު މޮޅުކޮށްދިން ގޯލަށްފަހު ރޮނާލްޑޯ ސަޖިދަ ޖެހުމުން، އެކަމަށް ސަމާލުކަން

ސައުދީ ޕްރޯ ލީގުގައި ރޭ އަލް ނަސްރުން އަލް ޝަބާބު ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން އަލް ނަސްރު ބަލިވިނަމަ، އަލް އިއްތިހާދަށް ލީގު ޔަގީން ކުރެވެން އޮއްވައި، އަލް ނަސްރުން އެކަމަށް ހުރަސް އެޅީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެން އަލް ޝަބަބު ބަލިކޮށްގެންނެވެ.

ރޭގެ މެޗުގައި އަލް ޝަބާބުގެ ދެ ގޯލުވެސް ކްރިސްޓިއަން ގުއަންކާ ޖަހައިދިން އިރު، އަލް ނަސްރުން ފަރަގު ކުޑަކުރީ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޓަލިސްކާގެ ގޯލުން ނަތީޖާ ފަރަގު ކުޑަކޮށް، އަލް ނަސްރުން ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރީ އަބްދުލްރަހްމާން ގަރީބު ޖެހި ގޯލުންނެވެ. އަލް ނަސްރު މޮޅުވި ގޯލު މެޗުގެ 59 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހީ ދެ ޑިފެންޑަރުން ނައްޓާލައި، ދުރުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

ރޮނާލްޑޯގެ އެ ގޯލާއެކު މުޅި ސްޓޭޑިއަމް އެކުގައި ވަރަށް ބޮޑަށް އުފާފާޅުކުރި އިރު، އަލް ނަސްރުގެ ގިނަ ކުޅުންތެރިންތަކެއްވެސް އޭނާގެ ވަށައިލާ އުފާފާޅު ކުރިއެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހުރެފައި، ރޮނާލްޑޯ ޝުކުރުގެ ސަޖިދައަކަށް ތިރިވި މަންޒަރު ވީޑިއޯތަކުން ފެނިފައިވާ އިރު، އެކަމަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

ރޮނާލްޑޯ އަކީ މުސްލިމް ނޫން ކުޅުންތެރިއެއް ނަމަވެސް، މީގެ ކުރިންވެސް މުސްލިމުންގެ ކަންކަމަށް އޭނާ ސަމާލުކަން ދީފައިވާކަން ފާހަގަވެފައިވެއެވެ. އެގޮތުން ފަލަސްތީނު ފަދަ ގައުމުތަކަށް ހިލޭ އެހީ ދިނުމުގައިވެސް ރޮނާލްޑޯ ފާހަގަކޮށްލެވިފައިވާ އިރު، ދާދިފަހުން ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާންވެސް ރޮނާލްޑޯ ވަނީ ހާއްސަ ފްލައިޓެއް ފޮނުވައިފައެވެ.

ރޮނާލްޑޯ، ސައުދީ ލީގުގައި އަލް ނަސްރަށް ކުޅުނު 15 މެޗުގައި 14 ގޯލު ޖަހައިފައިވެއެވެ.