ކުރިއަށް މިއޮތް ހުޅަނގު ވިއްސާރައާ ގުޅުވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުސީދާ އިންޒާރެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުޅިންވެސް ކުރިއަށްދިޔައީ، ރައީސް ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުތަކުގެ ބަހުސެވެ.
އޭގެ ތެރެއިން ލ. ކުނަހަންދޫ އިންޖީނުގެއާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އެމްޑީޕީން ވަކިވި މެންބަރުން ވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ މަނިކުފާނުގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައިފައެވެ.
އެ ގަރާރަށް ވާހަކަދައްކަވަމުން، އެމްޑީޕީން ވަކިވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވީ، މި ސަރުކާރުން ފަށާ ޕްރޮޖެކްޓްތައް ނުނިންމާ ވާހަކަ ވަރަށް ގިނައިން ދައްކައިފިން ކަމަށެވެ. ނަމަވެސް 'ތަބަކަކަށްލާފައި' ވެރިކަން ދިނުމުން ޕްރޮޖެކްޓްތައް ނިންމުމުގެ ބަދަލުގައި ރައީސް ސޯލިހު ވިސްނެވީ، ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ނުދާކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ، ޕްރޮޖެކްތައް ފެށީ ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ކަމަށާއި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުގެ ކެޕޭސިޓީއެއް ސަރުކާރުގައި ނެތް ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ހޯދައިދޭނީ "ދަ ޑިމޮކްރެޓްސް" ޕާޓީން ކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުންގެ ކުރިމަގުގެ އުއްމީދު ކަމަށްވެސް ވިދާޅުވިއެވެ.
ޒާހިރުގެ ވާހަކަ ނިމުން ރިޔާސަތުގައި އިންނަވައި ޖޯޝާ ފޯރީގައި މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގައި ވަރަށް މަޝްހޫރު ބައިތެކެވެ.
"ޝާއިރު ވިދާޅުވެފަ އެބަ އޮތް ޖުންޖުލައި ގަދަ ކުރިމަތިވަނީއޭ ދުއްވާނު އޮޑި މަޑުކޮށްގެން ނުވާނޭ ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ ކޮޅުވަތުގައި ހުރި ގޮތް ރަނގަޅަށް ބަލާށޭ،"
ބެލެވޭގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނިސްބަތް ކުރައްވައި، ރައީސް ސޯލިހަށް، ރައީސް ނަޝީދު އެދެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުނާފާ ވާދަކުރެއްވުމުގެ އިންޒާރެކެވެ.
ރައީސް ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައިނުގެންނެވި ނަމަވެސް، އެ މަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެގެން "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދެވުމުގެ މަސައްކަތް ކުރައްވަނީ، ރައީސް ނަޝީދާ މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ ލަފާގެ މަތިން ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެ ޕާޓީއަކީ ރައީސް ނަޝީދު ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ތައްޔާރުކުރާ ޕްލެޓްފޯމެއް ކަމަށް ވަނީ ޔަގީންވެފައެވެ.