ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރަކު 'ވަން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީވާ ނާއިބު ރައީސްކަމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާއެކު މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އެމްޑީޕީގައި ކުރިން ތިއްބެވި 12 މަޖިލިސް މެންބަރުންނާ އެކު އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށެވެ.
އެމްޑީޕީން ވަކިވުމާއެކު އީވާ ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އީވާވެސް މަޖިލީހުގެ ގަވާއިދާ ތަކުރާރުކޮށް ހިލާފުވާ ކަމަށްވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ތުހުމަތުކޮށްފައެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމަށް މަޖިލީހުގައި ހިމެނޭ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓު ބޭނުންވެއެވެ. އެހެންކަމުން އީވާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 43 މެންބަރުގެ ވޯޓު ބޭނުންވާނެއެވެ.
މިހާރު މަޖިލީހުގައި މެންބަރުން ހިމެނޭ ގޮތަށް ބަލާއިރު މަޖިލީހުގައި އެމްޑީޕީގެ 55 މެމްބަރުން އެބަ ތިއްބެވިއެވެ.
އެމްޑީޕީން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އިދިކޮޅު ފަރާތްތަކާއެކު ވެގެން، ފިކުރުހުގެ ދިރުމުގެ މެންބަރުން ވަނީ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައެވެ.
މިހާރު އެބޭފުޅުން މަސައްކަތް ކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު