އިޓަލީ ލީގުގެ އެންމެ ކާމިޔާބު އެއް ކްލަބު، ޔުވެންޓަސްގެ ޓްރާންސްފާތަކުގެ މައްސަލާގައި އަނެއްކާވެސް ޕޮއިންޓް އުނިކޮށްފިއެވެ.

ޔުވެންޓަސްގެ ޕޮއިންޓް މިފަހަރުވެސް އުނިކުރަން ނިންމާފައިވަނީ ޓްރާންސްފާ ޑީލްތަކުން މަކަރު ހެދުމާއި ލިޔެކިޔުންތައް އޮޅުވާލުމުގެ މައްސަލަތަކުގައެވެ. މި ފަހަރު 10 ޕޮއިންޓް އުނިކުރަން ނިންމާފައިވަނީ ކުރިން ބެލި މައްސަލަ އަލުން ބެލުމަށްފަހުއެވެ. ކުރިން ޖެނުއަރީ މަހު އެ މައްސަލަ ބަލައި، ޔުވެންޓަސް އިން 15 ޕޮއިންޓް އުނިކުރަން ނިންމާފައިވާ އިރު، އެ މައްސަލަ އިސްތިއުނާފުކޮށް ޔުވެންޓަސް އިން ކާމިޔާބުކުރީ އޭޕްރީލް މަހުގައެވެ.

އެ މައްސަލައިގައި ޔުވެންޓަސްގެ ޕޮއިންޓްތައް ވަގުތީ ގޮތުން ދިން ނަމަވެސް، އެ ފަހަރު އިޓަލީގެ އެންމެ މަތީ ކުޅިވަރު ކޯޓުން އަންގާފައިވަނީ މައްސަލަ އަލުން ބެލުމަށެވެ. އެ މައްސަލަ އަލުން ބަލައި، ލީގުން ނިންމީ 10 ޕޮއިންޓް އުނިކުރުމަށެވެ.

ރޭ އިޓަލީ ލީގުގައި ޔުވެންޓަސް ކުޅުމުގެ ކުރިން ޕޮއިންޓް އުނިކުރަން ނިންމާފައިވާ އިރު، ރޭގެ މެޗުން އެ ޓީމު އެމްޕޯލީ ކައިރިން ބަލިވީ 4-1ގެ ނަތީޖާ އަކުންނެވެ.

ޕޮއިންޓް އުނިކުރުމުގެ އަދަދާއެކު ޔުވެންޓަސް ލީގު ތާވަލުގެ ހަތްވަނައަށް ސޮއްސާލާފައިވާ އިރު، މިހާރު އޮތީ އަންނަ ސީޒަނުގެ ޔޫރަޕްގެ ފުޓްބޯޅަ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. 10 ޕޮއިންޓް އުނިކުރުމުގެ ކުރިން ޔުވެންޓަސް ތާވަލުގެ ދެވަނައިގައި އޮތް ނަމަވެސް، މިހާރު 36 މެޗުން އެ ޓީމަށް ލިބިފައިވަނީ 59 ޕޮއިންޓާ އެކުގައެވެ.

ހަތަރު ވަނައިގައި އޮތް އޭސީ މިލާނަށް ހަ ޕޮއިންޓް ފަހަތުން ޔުވެންޓަސް އޮތްއިރު، ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެންވެސް ޔުވެންޓަސްއަށް ގަދަ ހަތަރަކަށް އެރުން ވާނީ އުނދަގޫ ކަމަކަށެވެ.

އިޓަލީގެ އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު ކްލަބު ޔުވެންޓަސްގެ މުޅި ބޯޑު، އެ ކްލަބުގެ ޗެއާމަން އަގްނޭލީ އާއެކު މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅު ވަނީ އިސްތިއުފާ ދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެކްލަބުގެ ބޯޑު އިސްތިއުފާ ދިނީ ރެކޯޑު ގެއްލުމެއް މިދިޔަ ސީޒަނުގައި އެ ކްލަބަށް ވުމާއެކުގައެވެ. އަދި އޭގެ އިތުރުން އިސްތިއުފާ ދިނުމުގެ ފަހަތުގައި އިޓަލީ ފުޓްބޯޅަ އިދާރާއިން ބަލަމުންދިޔަ މައްސަލަވެސް ހިމެނެއެވެ.

ދެހާސްއެކާވީސް ވަނަ އަހަރު ޔުވެންޓަސް އިން ބުނެފައިވަނީ ޓްރާންސްފާތަކުގެ ފައިސާގެ މައްސަލަތަކެއްގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަކަށް އެއްބާރުލުން ދޭން ކްލަބުން ނިންމާފައިވާ ކަމަށެވެ. އެ ތަހުގީގުތައް ހިނގަމުންދަނީ ކުޅުންތެރިންގެ އިމޭޖް ރައިޓް ފަދަ ކަންކަމުގެ ރެޖިސްޓްރޭޝަންތަކުގައި ބޮޑެތި ފައިސާގެ އިހުމާލުތަކެއް ހިންގާފައިވާތީ ކަމަށް އޭރު މީޑީއާތައް ބުންޏެވެ.

މައްސަލަތަކުގައި ޔުވެންޓަސްގެ ކުރީގެ ލީޑަޝިޕަށްވެސް ޖެނުއަރީ މަހު ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. ޔުވެންޓަސްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީއާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑް ކުރުމާއި ކުރީގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީ 30 މަހަށް ސަސްޕެންޑް ކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް ޕަވެލް ނެޑްވެޑަށް މަސް ދުވަހަށް ސަސްޕެންޑް ކުރުން ހިމެނެއެވެ.