ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ކުނި ބިލު ކަރަންޓް ބިލުގައި ހިމެނުމަށް ނިންމައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީން ވަނީ އެކަން އިއުލާނުކޮށްފަ އެވެ. އޭގެ އެންމެ ބޮޑު އެއް މަގުސަދަކީ ކުނި ބިލު ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މިވަގުތު ވެމްކޯއަށް ފީ ދައްކަނީ 40 އިންސައްތަ ގެތަކުންނެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ގިނަބަޔަކު ވެމްކޯއަށް ފީ ނުދައްކަނީ ދައްކަން ބޭނުން ނުވާތީއެއް ނޫނެވެ. އާއްމުންނަށް އެކަން ތަކުލީފަކަށް ވުމުންނެވެ. ނަމަވެސް އޭގެ ސަބަބުން ވެމްކޯއިން އުފުލަން ޖެހޭ މާލީ ތަކުލީފު އަދި މާބޮޑެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ގޮތަށް ޔުޓިލިޓީ ބިލް ޓައިކޮށްލުމުން ގޭބީސީތަކުން ކަރަންޓު ބިލު ދައްކާއިރު ގަވާއިދުން ކުނި ބިލުވެސް ދައްކަން ފެށުމުން ވެމްކޯއިން އުފުލަން ޖެހޭ މާލީ ބުރަ ކުޑަކުރެވޭނެ އެވެ.
ކުނި މެނޭޖް ކުރުމުގެ ފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވާތީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓު ހިދުމަތުގެ ބިލުގައި ހިމަނައިގެން ބިލްކުރުމަށް އެންވަޔަރުމެންޓް މިނިސްޓްރީން ނިންމާފައިވަނީ އޭޕްރީލް މަހުން ފެށިގެންނެވެ. އެހެންކަމުން މި މަހުގެ ކަރަންޓު ބިލު އަންނަ އިރު ކުނި ބިލުވެސް ވާނީ އެކުގައި ހިމަނާފަ އެވެ.
ބިލް ޓައިކުރުމަކީ، އެއް ޔުޓިލިޓީ ހިދުމަތުގެ ބިލު އަނެއް ޔުޓިލިޓީ ހިދުމަތުގެ ބިލުގައި ހިމަނައިގެން ބިލު ކުރުމެވެ. ކުނި މެނޭޖްކުރުން ފަދަ ހިދުމަތެއް ދޭއިރު އެ ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ހިދުމަތް ދޭ ފަރާތަށް ލިބޭނެ ގޮތެއް އަބަދުވެސް ކަނޑައަޅަ އެވެ. އެގޮތަށް ނެގޭ ފީތައް ހިދުމަތްދޭ ފަރާތަށް ބޮޑެތި ގޮންޖެހުންތައް ދިމާވާނެ އެވެ. ސަރުކާރުން ބުނިގޮތުގައި މިއީ ދެމެހެއްޓެނިވި ގޮތެއްގައި، މެދުނުކެނޑި ވެމްކޯގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ބޭނުމުގައި އަޅާ ފިޔަވަޅެކެވެ.
ވެމްކޯގެ ހިދުމަތް ފެށިގެން އައިއިރު އެ ކުންފުނީގެ އޮޕަރޭޝަންސް އޮންނަނީ "ކަލެކްޓް އެންޑް ޑަމްޕް" އުސޫލުންނެވެ. އެއީ މާލެ ސަރަހައްދުން ކުނި ނަގައިގެން ގެންގޮސް ތިލަފުށީގެ ކުނި ފަރުބަދައަށް އަޅައި އަންދާލުމެވެ. ނަމަވެސް ވެމްކޯއިން މިހާރު އަންނަނީ ކުނި ޕްރޮސެސްކޮށް މެނޭޖް ކުރަމުންނެވެ. އެކަމަށްޓަކައި އެތައް މިލިއަން މިލިއަން ޑޮލަރުގެ އިކުއިޕްމަންޓާއި, ވެހިކަލްތަކާއި, ކުނި މެނޭޖްކުރުމަށް ބޭނުންވާ ޒަމާނީ ނިޒާމްތައް މިހާރު ތިލަފުށީގައި އަންނަނީ ގާއިމުކުރަމުންނެވެ.
މާލެ، ހުޅުމާލެ، އަދި ވިލިމާލެއިން ގެންދާ ކުނި ވެމްކޯއިން ތިލަފުށީގައި ސެގްރިގޭޓްކޮށް ޝްރެޑާ މެޝިންގެ އެހީގައި ކުދިކުރެ އެވެ. އަދި މެޝިންގައި އެ ކުނި ރެޕްކޮށް، ރައްކާތެރިކަމާއެކު ބަހައްޓަ އެވެ. ވެމްކޯއިން ބުނެފައިވާ ގޮތުގައި މިގޮތަށް ކުނި މެނޭޖުކުރުމަށް އެ ކުންފުނިން ހިންގާ އޮޕަރޭޝަންސްތަކަށް ބަލާއިރު ކުނި އުކާލުމަށް ގޭބިސީއަކަށް 350 ރުފިޔާގެ ހަރަދެއް ދާނެ އެވެ. މިއީ ވެމްކޯއަށް އެއްވެސް ފައިދާއެއް ނުލައި މިކަމުގެ ކޮސްޓް އަގު ނަމަވެސް ސަރުކާރުން ނިންމާފައިވަނީ ގޭބިސީތަކުން ނަގާ ފީ ބޮޑު ނުކުރަން ކަމަށް އެކުންފުނިން ބުނެ އެވެ.
މި ބަދަލާއި އެކު މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނީގެ ފީ ނެގުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ ބިލުގެ ތެރެއިން އެ ބިލުގައި ހިމަނައިގެންނެވެ. ވަކި ގޭބިސީ ނުވަތަ ވަކި އެޕާޓުމަންޓެއްގައި ސްޓެލްކޯއިން ހަރުކޮށްފައިވާ ކަރަންޓު މީޓަރަށް ހަދާ ކަރަންޓު ބިލާއެކު ކުނި އުކާލުމުގެ ހިދުމަތުގެ ފީ ޓައި ކުރެވޭނެ އެވެ.
ގޭބީސީއެއްގައި އެއް މީޓަރަށްވުރެ ގިނަ މީޓަރު ހަރުކޮށްފައިވާ ނަމަ ކޮންމެ "އެކްޓިވް" ކަރަންޓު މީޓަރަކަށް ކުނި އުކާލުމުގެ ފީގެ ގޮތުގައި 150ރ ގެ ފިކްސްޑް ޗާޖެއް ހިމަނާނެ އެވެ. އެކްޓިވް ކަރަންޓް މީޓަރެއް ގޮތުގައި ބަލަނީ ކޮންމެ މަހަކު 34 އަށްވުރެ ގިނަ ޔުނިޓް ބޭނުންކޮށްފައި ހުންނަ ކަރަންޓް މީޓަރު ތަކަށެވެ. މި އަދަދަށްވުރެ މަދުން ކަރަންޓް ބޭނުންކޮށްފައި ހުންނަ ތަންތަނަކީ މީހުން ދިރިނޫޅޭ ތަނެއްގެ ގޮތުގައި ބަލައި އެ މީޓަރަކަށް ފީ ޗާޖެއް ނުކުރާނެ އެވެ.
ކޮމާޝަލް ކަރަންޓު މީޓަރުތަކަށް ޗާޖު ކުރާނީ އެފަރާތެއް ވެމްކޯގައި ރަޖިސްޓްރީ ވެފައިވާނަމަ އެކަންޏެވެ. ރަޖިސްޓްރީ ނުކުރާ ނަމަ އެ ކޮމާޝަލް ޔުނިޓަކުން ކުންޏެއް ނުނަގާނެ އެވެ. ސްޓެލްކޯގެ ކަރަންޓް ބިލުގައި ވެމްކޯގެ ފީ ހިމަނާފައި ވާނީ ވަކި "ލައިން އައިޓަމް" އެއްގެ ގޮތުގައެވެ.
ބިލު ޓައިކުރުމުގެ އުސޫލުގެ ދަށުން ވަކި މީޓަރެއްގެ ދަށުން ހަރުކުރެވިފައިވާ ލިފްޓް، މެއިންޓެނެންސ،ް ބޫސްޓާ ޕަމްޕް، ޓެލެކޮމް އަދި ބިލްބޯޑް މީޓަރުތައް އިސްތިސްނާވާނެ އެވެ. ނަމަވެސް މިފަދަ މީޓަރެއް އާއްމު ގޭބިސީ ނުވަތަ އެޕާޓްމަންޓެއްގެ މީޓަރަކާ ގުޅާފައިވާ ހާލަތުގައި އިސްތިސްނާއެއް ނުވާނެ އެވެ. އަދި އެއްވެސް އެޕާޓްމަންޓަކަށް ނުހިމެނޭ ގޮތަށް އިމާރާތްތަކުގެ ކޮމަން އޭރިއާތަކަށް ލާފައި ހުންނަ ކަރަންޓު މީޓަރަށް ޗާޖެއް ނުކުރާނެ އެވެ. ބައެއް އެޕާޓްމަންޓްތަކުގައި ވަކި ދެ މީޓަރު ލާފައި ހުއްޓަސް ކުނި އުކާލުމުގެ ފީ ޗާޖު ކުރާނީ އެއް މީޓަރަށެވެ. މިގޮތަށް ހުންނަ ތަންތަން އުނި ކުރަން ހުށަހެޅުމުން ވެމްކޯގެ ޓީމްތަކުން ސާވޭކޮށް އެފަދަ މީޓަރުތައް އުނިކުރާނެ އެވެ.
މިފަދަ މީޓަރުތައް އުނިކުރުމަށް ވެމްކޯ ވެބްސައިޓުގައިވާ "ޔުޓިލިޓީ މީޓަރު އެކްސްލޫޝަން ފޯމް ހުށަހަޅަން ޖެހޭއިރު ރެޒިޑެންޝަލް އެޕާޓްމަންޓް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން އެތަންތަނުގެ ކުނީގެ ހިދުމަތުގެ ފީ ވަކި މީޓަރަކާ އެއްކުރުމަށް "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ހުށަ ހަޅަން ޖެހޭނެ އެވެ.
ވެމްކޯއިން ބުނެފައިވާ ގޮތުގައި މި ބަދަލާ ގުޅިގެން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކަސްޓަމަރު ދިރިއުޅޭ ފަންގިފިލާގެ އެޕާޓްމެންޓުގެ ދޮރުމަތިން ނުވަތަ އިމާރާތުގެ ތިރީ ފަންގިފިލާއިންނެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވިގޮތުގައި ކަރަންޓް މީޓަރު ހުރި ކޮންމެ ގެއަކީ މިހާރު ވެމްކޯއިން ކުނި ނަގާ އަދި ބިލުކުރާނެ ގެއެކެވެ. އަދި ސްޓެލްކޯގެ ބިލުކުރަމުން އަންނަ އާންމު އުސޫލާ އެއްގޮތަށް ކަރަންޓު ބިލު 28 ދުވަހަށް ތައްޔާރުކޮށްފައިވާ ނަމަ، އެ ބިލާއެކު ކުނި ނެގުމުގެ ފީގެ ގޮތުގައިވެސް ޗާޖުކުރާނީ މަހުފީ އިން 28 ދުވަހަށް ޖެހޭ އަދަދު ކަމަށް ސިރާޖު ވިދާޅުވިއެވެ.
ނަމަވެސް ބިލުގައި މައްސަލައެއް އުޅޭނަމަ ސްޓްލެކޯގެ ބިލް ތައްޔާރު ކުރާތާ ފަސް ދުވަހުގެ ތެރޭގައި އެކަން ވެމްކޯއަށް އަންގަންޖެހެ އެވެ. އެކަމަށްޓަކައި 'ޝަކުވާ ހުށަހަޅާ ފޯމް' ވެމްކޯއަށް ހުށަހަޅަން ޖެހޭނެ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ވެމްކޯގެ އިހުމާލަކުން ކުނީގެ ފީގެ ގޮތުގައި ހިމަނަން ޖެހޭ އަދަދަށް ވުރެ އިތުރު އަދަދެއް ހިމެނިފައިވާ ނަމަ އެވެ.
މިގޮތަށް ފީ ނަގަން ފަށާނީ މެއި މަހު ސްޓެލްކޯއިން ފޮނުވާ ބިލުން ފެށިގެންނެވެ. މި ބަދަލާ ގުޅިގެން ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ވަކިން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ އެވެ. އިސްތިސްނާ ކުރެވޭ މީޓަރުތައް ފިޔަވައ،ި ސްޓެލްކޯ ސިސްޓަމުގެ ތެރޭގައިވާ ގޭބިސީތަކުގެ މީޓަރުތަކަށް މި ބަދަލާއެކު ކުނި އުކާލުމުގެ ފީ ހިމެނިގެން ދާނެ އެވެ. މާނައަކީ ވެމްކޯއަށް ވަކީން ފައިސާދައްކާކަށް ނުޖެހޭނެ އެވެ. ކުނީގެ ބިލް އޮންނާނީ ކަރަންޓްބިލް ގައި ހިމަނާފައެވެ. ދެބިލް އޮންނާނީ އެއްކޮށެވެ.