Close
އިނގިރޭސި ޕްރިމިއާ ލީގު

20 އަހަރުގެ އިންތިޒާރަށްފަހު ނިއުކާސަލް ޗެމްޕިއަންސް ލީގަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ ކައިރިން ހޯދި ޕޮއިންޓާއެކު 20 އަހަރަށްފަހު ނިއުކާސަލްއަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ ޔަގީންވެއްޖެއެވެ.

ނިއުކާސަލްއިން އަމިއްލަ ދަނޑުގައި ރޭ ލެސްޓާ ކައިރިން އެއްވަރުވީ ގޯލެއް ނުޖެހި 0-0ގެ ނަތީޖާއަކުންނެވެ. ނިއުކާސަލްއިން ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން އެ ޓީމަށް 70 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމު އޮތީ ތިންވަނައިގައެވެ. ނިއުކާސަލަށް ލީގުގައި ބާކީ އެއް މެޗު އޮތްއިރު، ގަދަ ހަތަރަކަށް ދެން ވާދަކުރަމުންދާ މެންޗެސްޓާ ޔުނައިޓެޑަށް އަދި ދެ މެޗު އެބަ އޮތެވެ. އަދި ފަސްވަނައިގައި އޮތް ލިވަޕޫލަށް ބާކީ މެޗެއް އޮތް އިރު، ލިވަޕޫލާ ނިއުކާސަލްއާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.

މިހާރު އޮތް ގޮތުން، ޔުނައިޓެޑުން ދެން އޮތް ދެ މެޗުން ބަލިވެގެން ނޫނީ ލިވަޕޫލަށް ކުޑަވެސް އުންމީދެއް ނެތެވެ. ޔުނައިޓެޑަށް ގަދަ ހަތަރެއް ޔަގީންކުރަން ބޭނުންވަނީ ޕޮއިންޓެކެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތަފާތު މޮޅުކޮށް ކުޅުނު ނިއުކާސަލްއިން ހާފުގެ 78 ޕަސެންޓް ވަގުތުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ގެންގުޅެފައިވެއެވެ. މިގޭލް އަލިމިރޯންގެ ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ދެވަނަ ހާފަށް ނުކުމެވެސް ނިއުކާސަލް ގޯލަކާ ގާތަށް ޖެހިލިއެވެ.

އެލެކްސެންޑާ އިސާކްގެ ހަމަލާ ލެސްޓާގެ ގޯލްކީޕަރު ޑެނިއެލް އިވާސެން މަތަކޮށް ބޭރުކޮށްލި އިރު، ބްރޫނޯ ގިމަރޭސް ޖެހި ބޯޅަ އަމާޒުވީވެސް ދަނޑިއަށެވެ. ލެސްޓާއިން މެޗުގައި ތަނަވަސްކުރި އެންމެ ފަހި ފުރުސަތު މެޗުގެ ފަހުކޮޅުގައި ފެނިގެން ދިޔައިރު، ތިމޮތީ ކަސްޓާނިއޭ ފޮނުވާލި ހަމަލާ މަތަކުރީ ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕެވެ.

ސައުދީ އަރަބިއާގެ ޕަބްލިކް ފަންޑުން ނިއުކާސަލް ގަނެ، އެ ޓީމަށް ހަރަދުކުރަން ފެށުމާއެކު ކްލަބަށް އުންމީދުއާވެ، މި ސީޒަނަށްވެސް ރަނގަޅު ޓްރާންސްފާތަކެއް ކޮށްފައިވެއެވެ.

ސައުދީން ނިއުކާސަލް ގަތުމަށްފަހު މިހާތަނަށް 250 މިލިއަން ޕައުންޑް ޓްރާންސްފާތަކަށް ހަރަދުކޮށްފައިވާ އިރު، ކީރަން ޓްރިޕިއާ އާއި ބްރޫނޯ ގިމަރޭޝް، ސްވެން ބޮޓްމަން އަދި ނިކް ޕޯޕު ފަދަ ކުޅުންތެރިން ކްލަބަށް ގެނެސްފައިވެއެވެ. އަދި އެންމެ އަގުބޮޑުކޮށް ކްލަބަށް ގެންގޮސްފައި ވަނީ މިދިޔަ ޓްރާންސްފާ ސީޒަނުގައި ގެންދިޔައި އެލެކްސެންޑްރާ އިސާކެވެ.

ރޭގެ މެޗުން ބަލިވި ލެސްޓާ މިވަގުތު 18 ވަނައިގައި އޮތް އިރު، އެޓީމަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް އަމިއްލަ ބާރު ގެއްލިފައެވެ.