މާލޭގެ އެކި ތަންތަނުގައި ހުޅުޖަހަން ހިތްވަރުދިނުމާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ދައުވާކޮށްފައިވާ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އޭނާ ހޯދަން މިއަދު ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި އައްބާސްގެ މައްޗަށް، ކޮށްފައިވަނީ ފަަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަމަވެސް އޭނާ ކޯޓަށް ހާޒިރު ނުކުރެވިގެން އެ މައްސަލައިގެ ޝަރީއަތް މިހާތަނަށްވެސް އޮތީ ނުފެށިއެވެ. އެގޮތުން އެންމެ ފަހުން ތާވަލުކުރި ތިން އަޑުއެހުންވެސް ނުބޭއްވުނީ އައްބާސްއަށް ކޯޓަށް ހާޒިރުވުމުގެ ޗިޓު ހަވާލު ނުކުރެވިގެންނެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އައްބާސް ހޯދަނީ އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ, ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން މިއަދުގެ މެންދުރު 2:30 އަށް ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުން ވަނީ އައްބާސް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.