ޓެކާސްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ޓެކާސް ރިސޯޓް ކަޕް 2023 ގެ ފުރަތަމަ މުބާރާތް ކަމަށްވާ، ދ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ސެއިންޓް ރެޖިސް ވޮއްމުލިން ހޯދައިފިއެވެ.

ޓެކާސް ރިސޯޓް ކަޕްގެ ދެވަނަ މުބާރާތުގައި މިފަހަރު 60 އަށްވުރެ ގިނަ ޓީމު ފެނިގެންދާ އިރު، މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. ފުރަތަމަ މުބާރާތް ކަނޑިއްމަ މޯލްޑިވްސްގައި، ހުކުރު ދުވަހު ނިމިގެން ދިޔަ އިރު، ފައިނަލްގައި ވާދަކުރީ ކަނޑިއްމަ އާއި ވޮއްމުއްޔެވެ. އެ މެޗު ފަހަތުން އަރައި 2-1 އިން ވޮއްމުލިން ކާމިޔާބު ކުރި އިރު، ވޮއްމުލީގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ.

ދ. އަތޮޅުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެއިންޓް ރެޖިސް ވޮއްމުލީގެ އައްސަދު މުހައްމަދެވެ.

ދ. އަތޮޅުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވޮއްމުލީގެ އިބްރާހިމް ނަސްއަތާއި އަލީ ޖުނެއިދުގެ އިތުރުން ކަނޑިންމަ މޯލްޑިވްސްގެ އަލީ ޝާމިއު އާއި މުހައްމަދު އަޔާޒް އަދި އަބްދުލް މުގުސިތެވެ.

ދ. އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ވޮއްމުލީގެ ނަސްއަތެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ރިސޯޓުގެ މ. ދިއްގަރު މުހައްމަދު އަލީއެވެ.

މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.

މިފަހަރުގެ މުބާރާތްތައް ހާއްސަކޮށްފައިވާ ސަރަހައްދުތަކަކީ ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކާއި ކާފު އަތޮޅުގެ އުތުރު ބިތުގެ ރެސޯޓުތަކުގެ އިތުރުން ބ، ޅ، އަދ، ނ، ރ އަދި ދ އަތޮޅަށެވެ. ކ. އަތޮޅުން ގިނަ ރިސޯޓުތަކެއް މުބާރާތުގައި ބައިވެރިވެފައިވުމާ އެކު އެ އަތޮޅުގެ ރިސޯޓުތައް ދެ ފަޅިއަކަށް ބަހާލައިގެން ދެ މުބާރާތަކަށް ކުރިއަށް ގެންދާ އިރު، ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ކުރިއަށް ދާނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. އަދި ކާފު އަތޮޅު އުތުރު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ބާއްވާނީ ކުރުނބާ މޯލްޑިވްސްގައެވެ.

ނ. އަތޮޅު ރިސޯޓުތައް ވާދަކުރާ މުބާރާތް ސިޔާމް ވޯލްޑްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ބ. އަތޮޅު މުބާރާތް ކުރިއަށްދާނީ ރޯޔަލް އައިލެންޑް ރިސޯޓުގައެވެ. މިފަހަރުވެސް އދ. އަތޮޅުގެ މުބާރާތް ކޮންޑްރަޑް މޯލްޑިވްސްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރ. އަތޮޅު ރިސޯޓުތައް ވާދަކުރާ މުބާރާތް އޮންނާނީ ޖޯލި މޯލްޑިވްސްގައެވެ.

ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.