އެމްޑީޕީން ވަކިވި "ފިކުރެއްގެ ދިރުން"ގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަކީ އަމިއްލަ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދަފުތަރުގައި މިއަދު ހިމަނައިފިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ 'ފިކުރެއްގެ ދިރުން' ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެ 12 މެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވީ މިދިޔަ ބުދަ ދުވަހުއެވެ.
އެ ބޭފުޅުން ޕާޓީން ވަކިވުމާ ގުޅިގެން ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން އެކަން މަޖިލީހަށް އެންގިއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަހުސްގައި އެ މެންބަރުން ވާހަކަދެއްކުމަށް، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް ނަޝީދު ވަގުތު ދެއްވީ އެމްޑީޕީގެ މެންބަރުންނަށް އޮންނަ ވަގުތުގެ ތެރެއިންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީގައި ތިއްބެވި މެންބަރުންނާއި އެ ޕާޓީގައި މިހާރު ތިއްބެވި މެންބަރުންނާ ދެމެދު އެ ދުވަހުގެ ޖަލްސާގައި މައްސަލަ ހޫނުވެގެންވެސް ދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އެ ދުވަހު ވިދާޅުވީ، އެ 12 މެންބަރުން އެމްޑީޕީން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ދަފުތަރުނުް އެ ބޭފުޅުން ވަކިކުރެވޭނީ އެ މެންބަރުން އެމްޑީޕީން ވަކިވި ކަމަށް ބުނެ، އެ މެންބަރުން މަޖިލީހަށް ސިޓީ ފޮނުވުމުން ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެމްޑީޕީން ވަކިވެފައިވާކަން އެ 12 މެންބަރުން މިހާރު މަޖިލީހަށް އަންގައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް އެ ބޭފުޅުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
"އެއާއެކު މަޖިލީހުގެ ދަފުތަރުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 55، ޕީޕިއެމްގެ ތިން މެންބަރުން، ޕީއެންސީގެ ތިން މެންބަރުން، އެމްއެންޕީގެ ތިން މެންބަރުން ޖޭޕީގެ ދެ މެންބަރުން އެމްޑީއޭގެ ދެ މެންބަރުން، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 17 މެންބަރުން،" ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އެ ބަދަލާއެކު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މެންބަރުންނަށް ވަގުތު ދިނުމަށް އަންނަ ބަދަލާބެހޭ މައުލޫމާތު މެންބަރުންނަށް އަރުވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލުތައް މަޖިލިސް ތަޅުމުން ފާސްކުރަން ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
- މުހައްމަދު ޝިފާޒް (އެމްޑީޕީގެ ނައިބު ރައީސް)
- އީވާ އަބްދުﷲ (މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު)
- ހަސަން ލަތީފް (ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު)
- އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާގެ މެންބަރު)
- އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު ދާއިރާގެ މެންބަރު)
- ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު)
- މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާގެ މެންބަރު)
- އިބްރާހިމް ރަޝީދު (މާފަންނު މެދު ދާއިރާގެ މެންބަރު)
- ހަސަން އަފީފް (ވިލުފުށި ދާއިރާގެ މެންބަރު)
- ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާގެ މެންބަރު)
- ހަސަން ޝިޔާން (ތޮއްޑޫ ދާއިރާގެ މެންބަރު)
- މުހައްމަދު ރަޝީދު (މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު)
- އަހްމަދު ޒާހިރު (ގައްދޫ ދާއިރާގެ މެންބަރު)
- ހުސެއިން އަމްރު (އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު)
ޚަބަރު
ޚަބަރު
ޚަބަރު