ނޭޕާލްގައި މިއަދު ފަށާ ކާވާ ޗެލެންޖް ކަޕްގައި ރާއްޖެއަށް ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށާއި އުންމީދަކީ މެޑަލްއެއް ކަމަށް ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ބުނެފިއެވެ.

ކަވާ ޗެލެންޖް ކަޕްގައި މިއަދު ރާއްޖޭން ފުރަތަމަ މެޗުގައި ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން ގްރޫޕުގެ ދެވަނަ މެޗުގައި މާދަމާ ކުޅޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އަދި ބުދަ ދުވަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

މިދިޔަ ފެބްރުއަރީ މަހު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި މެލޭޝިއާއާއި ސިންގަޕޫރާ ވާދަކޮށް ރާއްޖޭން ރިހި މެޑަލް ހޯދާފައިވާ އިރު، ޓީމުން މި ފަހަރުވެސް އުންމީދުކުރަނީ މެޑަލްއަކަށް ކަމަށް ކެޕްޓަން ހައްވަ އިއްޔެ ނޭޕާލްގައި ހުރެ ބުނެފައިވެއެވެ.

"ރަނގަޅު ތަމްރީނުތަކަކަށްފަހު މި އައީ. ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. އުންމީދު ކުރަން ރަނގަޅު ޕާފޮމަންސެއް ފެންނާނެ ކަމަށް. އެންމެފަހުން ފޯ ނޭޝަންސް ކަޕްގައި އޮތް ރޫހުގައި މި އޮތީ. އުންމީދުކުރަނީވެސް މެޑަލް އަކަށް. އިރާދަކުރެއްވިއްޔާ އެކަމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނެ،" ހައްވަ ބުންޏެވެ.

ހައްވަ ބުނީ ގައުމީ އަންހެން ވޮލީ ޓީމަށް ފޯ ނޭޝަންސް ކަޕްގައި ދިން ތަރުހީބުން ހިތްވަރު އާވެފައިވާ ކަމަށާއި އެ ހިތްވަރާ އެކު ރަނގަޅަށް މުބާރާތުގައި ވާދަކޮށްލެވޭނެ ކަމަށެވެ.

"ފޯ ނޭޝަންސް ކަޕްގައި ޓީމަށް ދިން ތަރުހީބާ އެކު އޭގެން ހިތްވަރު ހޯދައިގެން މި އައީ. އެ ފަހަރު އަންހެން ޓީމަށް ދިން ސަޕޯޓް ވަރަށް ބޮޑަށް ފެނިގެންދިޔަ. އެ ހިތްވަރާ އެކު ކުރިއަށްދާނީ. ވާދަކޮށްލެވޭ ޓީމުތައް މި ހުރީ. ދެން (ވަރުގަދަކޮށް) އޮތީ ލަންކާ. ހަމަ ކުޑަ ހިތްވަރެއް ކޮށްލައިގެން ލަންކާ ކައިރީގައިވެސް ވާނެ. މީގެ ދެ އަހަރެއް ކުރިއަށްވުރެ ޓީމު އޮތީ ވަރަށް ބޮޑަށް ރަނގަޅަށް،" ކެޕްޓަން ހައްވަ އިތުރަށް ބުންޏެވެ.

މިއަދު ކަޒަކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗުގައި ނުކުންނާނީ އިރުއޮއްސި 6:15 ގައެވެ.