ޖަރުމަން ބުންޑެސްލީގާގައި ރޭ ޑޯޓުމަންޑުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރުމާ އެކު ލީގު ރޭހުގައި ބޮޑު އުންމީދެއް ހޯދައިފިއެވެ.

މި ހަފުތާގެ ލީގުގައި ބަޔާން މިއުނިކުން ކުޅުނު މެޗުގައި 3-1 އިން އާރްބީ ލެއިޕްޒިގް ކައިރިން ބަލިވެފައިވާ އިރު، ރޭ ޑޯޓުމަންޑުން އެފްސީ އޯސްބާގު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ބަޔާނާއީ ޑޯޓުމަންޑަށްވެސް ލީގުގައި ބާކީ އެންމެ މެޗެއް އޮތް އިރު، މިހާރު ތާވަލު އޮތް ގޮތުން އެއްވަނައިގައި އޮތީ ޑޯޓުމަންޑެވެ. އެއީ 33 މެޗުން 70 ޕޮއިންޓާ އެކުގައެވެ. ބަޔާންއަށް 33 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ.

ރޭ ޑޯޓުމަންޑަށް ފަސޭހަ މޮޅެއް ހޯދަން ފުރުސަތު ފަހިވެގެން ދިޔައީ ފުރަތަމަ ހާފުގައި އޯސްބާގުގެ ފެލިކްސް އުޑުއޮހާއީއަށް ރަތް ކާޑެެއް ދެއްކުމުންނެވެ. އެ ރަތް ކާޑާ އެކު ކުޅުންތެރިއަކު މަދުކޮށް ކުޅުނު އޯސްބާގު ކޮޅަށް ޑޯޓުމަންޑްގެ ގޯލުތައް ރޭ ޖަހައި ދިނީ ސެބެސްޓިއަން ހެލާއާއި ޖޫލިއަން ބްރެންޑިތެވެ. މެޗުގައި ހެލާ ވަނީ ދެ ގޯލު ޖަހައިފައެވެ.

ޑޯޓުމަންޑުން ލީގުގެ ފަހު މެޗުގައި މައިންޒާ ދެކޮޅަށް އަންނަ ހަފުތާ ނުކުންނަ އިރު، ބަޔާންއިން ފަހު މެޗުގައި ނުކުންނާނީ ކޯލިންއާ ދެކޮޅަށެވެ. ބަޔާނަށް މިފަހަރު ލީގު ހޯދެން އޮތް ހަމައެކަނި ގޮތަކީ ޑޯޓުމަންޑު ކުޅޭ ފަހުމެޗުން އެޓީމު ބަލިވުމެވެ. މިދިޔަ 10 އަހަރުވެސް ބަޔާންއިން ތަށި ހޯދާފައިވާ އިރު، ޑޯޓުމަންޑުން އެންމެފަހުން ލީގު ހޯދީ 2011-12 ވަނަ އަހަރުގެ ސީޒަނުގައެވެ.