ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ފޮއްޓަކުން މަސްތުވާތަކެތި ފެނުމުން އެ ފޮއްޓާ ހަވާލުވާންދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުގައި ޕޯސްޓް އޮފީހުން އޭނާ ހަވާލުވި ޕެކޭޖެއްގެ ތެރޭގައި އޮތް ދެ ޝީޓުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތިވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމުރުގައިވެއެވެ.

ކޯޓުގައި އޭނާ ބުނެފައިވާ ގޮތުގައި އެ ޕެކޭޖާ ހަވާލުވާން ދިޔައީ ރައްޓިއްސަކު ބުނެގެންނެވެ. އަދި އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށްވެސް ބުންޏެވެ.