ރ. ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ އަށް މީހުންނަށް ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަށް ވިސްނަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިރޭ ވިދާޅުވީ ދުވާފަރު ކައުންސިލްގެ ހިޔާނާތާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި ފޮނުވި މައްސަލަ ލިބިފައިވާ ކަމަށެވެ.

"އިޖުރާއަތުގެ ދަށުން އެ މައްސަލައާ ގުޅިގެން އިއުތިރާފުގެ އެއްބަސްވުން ނުވަތަ ނަސޭހަތް ދިނުމަށް ވިސްނަމުންދަނީ. އަދި އެއްވެސް ނިންމުމެއް ފައިނަލް ކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

  • ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް
  • ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު
  • ދުވާފަރު ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ސަމޫހު
  • ދުވާފަރު ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް
  • ދުވާފަރު ކައުންސިލްގެ މެމްބަރު ޒުހުދާ އާދަމް
  • ދުވާފަރު ކައުންސިލްގެ މެމްބަރު އާމިނަތު ސަލާހު
  • ދުވާފަރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު
  • ދުވާފަރު ކައުންސިލްގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު

އެ މީހުންގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕީޖީއަށް ފޮނުވީ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.

އެ އެންމެންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވަނީ ގާނޫނުލް އުގޫބާތުގައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި އެ ގާނޫނުގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން ހަމަ އެގާނޫނުގެ ދަށުން ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ދުވާފަރު ކައުންސިލުން އުސޫލާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު މައްސަލަ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭސީސީއަށް ހުށަހަޅާފައި ކަމަށާއި އެ މައްސަލަ ހުށަހެޅުމާއެކު އެ މައްސަލައިގެ ތަހުގީގު ދެ މަސް ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެ އޮފީހުން އިސްލާހު ކުރަން އެންގި ކަންކަން އިސްލާހުކުރުމަށްފަހު ކަމަށް އޭސީސީން ބުނެފައިވެއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓު އާންމު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުއެވެ. އެ ރިޕޯޓުގައި އެލްޖީއޭ އިން ވަނީ 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ލަފާދީފައެވެ. އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތި ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ކައުންސިލާއި ޑަބްލިއުޑީސީ އަދި ކައުންސިލްގެ ބައެއް މެމްބަރުންނަށް ދިނުން ހިމެނެއެވެ.

ރިޕޯޓުގައިވާ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ޖުމުލަ 711،617 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837 ރުފިޔާ އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048 ރުފިޔާ ލިބިފައިވާ އިރު، ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666 ރުފިޔާ އާއި ކައުންސިލް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހަށް 165،200 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އެކައުންޓަށް 128،697.47 ރުފިޔާ ޖަމާކޮށްފައިވާ އިރު، އާމިނަތު ސަލާހްގެ އެކައުންޓަށް 119،535.99 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ވަނީ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.

މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވާ އިރު، އެ ލިޔުމުގައި ފައިސާ ހަވާލުކުރި ފަރާތް ކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެމްބަރު ޒުހުދާ އާދަމް ކަމަށާއި ނަމަވެސް ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް، ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އަދި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެފައިދާއާ ބެހޭ ލިޔެކިޔުމެއްވެސް ނެތް ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި ކައުންސިލްގެ ބައެއް އެހެން އިދާރީ މުވައްޒަފުންނަށްވެސް ވަނީ ރެކޯޑުން ބޭރުން އެކި އަދަދުތަކުން ފައިސާ ޖަމާކޮށްފައެވެ.