އާސެނަލަށް ލީގު ތަށި ގެއްލިގެން ދިއުމުން އެކަމަށް މައާފަށް އެދޭ ކަމަށާއި ޒިންމާ ނަގާނެ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އާސެނަލަށް ސީޒަންގެ ލީގު ގެއްލުނުކަން ޔަގީންވީ ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން 1-0ގެ ނަތީޖާއަކުން ބަލިވުމާއެކުގައެވެ. އެ ނަތީޖާ އާއެކު މެންޗެސްޓާ ސިޓީއަށް ލީގު ޔަގީންވީ ބާކީ ތިން މެޗު އޮއްވައެވެ. އާސެނަލުން މިހާތަނަށް ކުޅުނު 37 މެޗުން އެ ޓީމަށް 81 ޕޮއިންޓް ލިބިފައިވާ އިރު، ސިޓީއަށް ވަނީ 35 މެޗުން 85 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން އާސެނަލުން އެ ޓީމު ކުޅޭ ލީގުގެ ފަހު މެޗުން މޮޅުވި ނަމަވެސް، ދެން ތަށި ހޯދަން ފުރުސަތެއް ނޯންނާނެއެވެ.
މި ސީޒަން ފެށިގެން ބޮޑުބައެއްގައި ލީގު ތާވަލު ލީޑުކުރަމުން ދިޔައީ އާސެނަލުންނެވެ. ގާތްގަނޑަކަށް ފަހު 10 މެޗާ ހަމައަށް ދިޔައިރު، އާސެނަލް އޮތީވެސް އަށް ޕޮއިންޓްގެ ލީޑެއްގައެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް އާސެނަލުން ރަނގަޅު ލީޑެއް ދަމަހައްޓަމުން އައި އިރު، އެ ފަހުން ލީގުގައި ކުޅުނު 10 މެޗުގައިވެސް އާސެނަލްގެ ފޯމު ދިޔައީ ވަރަށް ބޮޑަށް ދަށްކޮށެވެ.
އާސެނަލުން ލީގުގައި 28 މެޗު ކުޅެފައި އޮތްއިރު، އެ ޓީމަށް އޮތީ 69 ޕޮއިންޓް ލިބިފައެވެ. މީގެ ކުރިން އެ އަދަދަށް 28 މެޗުން ޕޮއިންޓް ހޯދާފައި އޮވެ ތަށި ގެއްލުނީވެސް އެންމެ ޓީމަކަށެވެ. އެއީ 19-2018 ވަނަ އަހަރު ސީޒަނުގައި ލިވަޕޫލަށެވެ. އެ ފަހަރު ސިޓީން ތަށި ނެގީ އެއް ޕޮއިންޓުގެ ފަރަގަކުންނެވެ.
ބޮޑު ލީޑެއް ގެއްލުވާލައިގެން ލީގު ރޭހުގައި އާސެނަލަށް މާޔޫސްކަން ކުރިމަތިވި އިރު، ރޭގެ މެޗަށްފަހު އާޓެޓާ ބުނީ ހާލަތުގެ ގޮތުން ވިސްނަންވެސް އުނދަގޫ ކަމަށެވެ.
"އަހަންނަށް މިވަގުތު އެއްވެސް ކަމަކާ ވިސްނަންވެސް އުނދަގޫ. އަހަރެމެން ޖެހޭ ސިޓީއަށް މަރުހަބާ ކިޔަންވެސް. މިދިޔަ 10 މަހުގެ ތެރޭގައި ސިޓީއާ ވާދަކުރުމަކީ އާދަޔާހިލާފު ދަތުރެއް. އެ ދަތުރުގައި އަހަރެމެންނަށް ވަރަށް ގިނަ ފިލާވަޅުތަކެއްވެސް ދަސްވި. މި ކްލަބަށް އިންގިލާބީ ބަދަލުތަކެއްވެސް ގެނެވިއްޖެ. ރަނގަޅު ފިޔަވަޅުތަކެއްވެސް އެޅިއްޖެ. ނަމަވެސް ރަނގަޅު ކަންތަކުގެ ފޮނިމީރުކަން ލިބޭނީ ތަށި ހޯދިގެން. އެކަމެއް ނުވި،" އާޓެޓާ ރޭ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ލީގު ރޭހުން ފެނިގެން ދިޔައީ "ފުޓްބޯޅަ" ކަމަށާއި އާސެނަލަށް މި ކުރިމަތިވީ ބޮޑު ހިތްދަތިކަމެއް ކަމަށެވެ. ކުރިމަތިވި ހިތްދަތިކަމުން އަރައިގަންނަން އާސެނަލަށް ވަގުތު ބޭނުންވާނެ ކަމަށް އާޓެޓާ ބުނެފައިވާ އިރު، އޭނާ ބުނީ ތަށި ގެއްލުނީ އަމިއްލަ ފަރުވާކުޑަކަމުން ކަމަށެވެ.
"އަމިއްލަ ގޯސްތަކުންވެސް މެޗުތަކުން ޕޮއިންޓްތައް ގެއްލިގެންދިޔަ. އެ ދެތިން މެޗުތަކުން ޓީމުގެ ހިތްވަރު ބަލިވެގެން ދިޔައީ. އަހަރެން މައާފަށް އެދެން. އަހަރެން ގަބޫލުކުރީ ތަށި ހޯދޭނެ ކަމަށް. އެކަމަކު ކުޅުންތެރިން އެ ވިސްނުން ގަބޫލުނުކުރޭ. އެކަމަކު މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އަހަރެން،" އާޓެޓާ ބުންޏެވެ.
އާސެނަލުން މި ސީޒަންގައި 248 ދުވަސް ވަންދެން ތާވަލު ލީޑުކޮށްފައިވާ އިރު، އެހާ ދުވަހު ތާވަލުގެ އެއްވަނައިގައި އޮވެފައި ތަށި ނުލިބުނު ހަމައެކަނި ޓީމަކީވެސް އާސެނަލެވެ. އެ ޓީމަށް ތަށި ގެއްލިގެން ދިޔައީ އެންމެފަހުން ކުޅުނު މެޗުތަކުގެ ނާކާމިޔާބީންނެވެ. އެންމެފަހުން ކުޅުނު އަށް މެޗުގައި އާސެނަލް ކޮޅަށް 16 ގޯލު ވަދެފައިވާ އިރު، އާޓެޓާގެ ނަޒަރުގައި ޓީމަށް ދިމާވި އެއް މައްސަލައަކީ ސްކޮޑު ކުޑަވުމެވެ.