ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓުތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ފްލެޓްނުދިން މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރި މީހުންނަށް ދައުލަތުން ބަދަލު ދޭ ގޮތަށް ވި "ސެޓްލްމަންޓް އެގްރީމެންޓް" އާ ދައުލަތުން ހިލާފު ވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަށް ޖަވާބުދާރީވާން ސިވިލްކޯޓުން ދައުލަތަށް އަންގައިފިއެވެ.
ސީލައިފް އިން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެގްރީމެންޓެއްގައި ސޮއިކޮށް، މީހުން އަތުން ފައިސާ ނެގުމަށްފަހު، ފްލެޓް ނުދީ އެ ކުންފުންޏާއި އެކުންފުނީގެ ޑިރެކްޓަރުންނާއި ހިއްސާދާރުން މަކަރާއި ހީލަތް ހެދި މައްސަލައިގައި، ބަދަލު ހޯދުމަށް 203 މީހުން މީގެކުރިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ.
އެ ދައުވާއާ ގުޅިގެން ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ގުޅުންހުރި ފަރާތްތައް ކަމަށްވާ، އެޗްޑީސީ އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު މައްސަލަ ހުށަހެޅި ފަރާތްތަކާއެކު އެގްރީމެންޓެއްގައި ސޮއި ކުރިއެވެ.
އެ މައްސަލައިގައި އެފަރާތްތަކުން އެއްބަސްވުމަކަށް އައުމާއެކު، އެ އެއްބަސްވުމަށް ހުރިހާ ތަނަކުން ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް އަންގައި 15 ޖުލައި 2019 ގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ނަމަވެސް މި މައްސަލައަކީ ދައުލަތަށް ނިސްބަތްވާ ހުރިހާ ފަރާތްތަކުން އެ އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ބުނެ، ކުރިން އެ މައްސަލަ ހުށަހެޅި މީހުންގެ ތެރެއިން 136 މީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ދައުވާ ހުށަހެޅި ފަރާތްތަކުން ބުނެފައިވަނީ، ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ހައުސިން ޔުނިޓް، އެތަންތަން ވިއްކުމަށް ސަރުކާރުން ކަނޑައަޅާ އަގުގައި އެ ސްކީމްގެ ދަށުން ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެކަމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެކަމަށް އެ އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.
ނަމަވެސް އެތައް އުޒުރުތައް ދައްކައި ދިގު ދަންމާލައި އެ އެއްބަސްވުން ތަންފީޒު ކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިންކާރުކޮށް އެތައް ރައްޔިތުންނަކަށް ވެފައިވާ ވައުދަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
އެެހެންކަމުން މި މައްސަލައިގައި ސިވިލްކޯޓުގައި އެދިފައިވަނީ، އެ ފަރާތްތަކަށް ފްލެޓް ގަތުމުގެ ފުރުސަތު ނުދީ، ދިވެހި ދައުލަތާއި އެޗްޑީސީން އެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް އިންކާރު ކޮށްފައިވާތީ، އެ ފަރާތްތަކަށް ފްލެޓް ގަތުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާ ހަމައަށް ކޮންމެ މަހަކު، މި ދައުވާގައި ހިމެނޭ ކޮންމެ މީހަކަށް 12،000 ރުފިޔާ ނަގައިދިނުމަށާއި، ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާފައިވާ ހިޔާ ފްލެޓްތަކުން ބާކީ ހުރި ފްލެޓްތަކުން، ނުވަތަ ވިނަރެސް ފްލެޓްތަކުން ފްލެޓް ގަތުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުމަށް އަމުރު ކޮށްދިނުމަށެވެ.
މި މައްސަލައަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން ދިނުމަށް އެޗްޑީސީ އާއި އިކޮނޮމިކު މިނިސްޓްރީން ވަނީ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފައި ވަނީ، ކޮންޓްރެކްޓާބެހޭ ގާނޫނާއި އެ މައްސަލައިގައި ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށް ބަލާއިރު، އެ މައްސަލައިގެ ތެރެއިން އެ ފަރާތުން ޒިންމާއެއް އުފަން ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެއީ އެކަމުގެ އެއްވެސް ޒިންމާއެއް މަތިކޮށްފައިވާ ފަރާތެއް ނޫން ކަމަށާއި، އެ މައްސަލައިގެ ތެރެއަށް އެ މިނިސްޓްރީ ތަދައްހުލުކޮށްގެން ކުރިއަށް ގެންދިއުމަކީ ސިވިލްކޯޓުން ކޮށްފައިވާ ހުކުމާ ހިލާފުކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި އެ ފަރާތްތަކުން ހުށަހެޅި އިއުތިރާޒު ބަލައިނުގަތުމަށް ނިންމައި ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ މި މައްސަލައިގެ މައުލޫއަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަދި މި މައްސަލައަށް ތަދައްހުލު ކުރެވުނު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް އަންގާ ކަމަށެވެ.