ވަޒީފާ ގެއްލޭ ފަރާތްތަކަށް އިންޝުއަރެންސް ހަމަޖެއްސުމުގެ ބިލާއެކު 14 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅަން ހަމަޖައްސައިފިއެވެ.
އެޓާނީޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ކަމަށެވެ.
- ހައްޖާއި އުމުރާގެ ބިލު
- ފޮރިން އިންވެސްޓްމަންޓްގެ ބިލު
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓިއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު
- ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޒަކާތުގެ ބިލު
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި ތަޅުމުގައި މިހާރުވެސް ގިނަ ބިލުތަކެއް އެބަހުއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މަޖިލީހުގެ ތަޅުމުގައި އެއްވެސް ބިލެއްގެ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ، އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެ ޕާޓީން ވަކިވުމާއެކު މަޖިލީހުގެ މަސައްކަތްތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މަޖިލީހުގެ ނާއިބުރައީސް ހިމެނޭގޮތުން އެ މެންބަރުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓެވުމުން، މަޖިލީހުގެ ތަޅުމުގައި ގިނައިން ކުރިއަށްދަނީ ސަރުކާރާ ދެކޮޅަށް ހުށަހަޅާ ކުއްލި މައްސަލަތަކާއި، ގަރާރުތަކުގެ މަސައްކަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު