Close
ޚަބަރު

އުނިމާ ޕާކިން ޒޯނުން ކާރު ޕާކިންއަށް ޖާގަ ދޫކުރަން ހުޅުވާލައިފި

ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކުކުރާނެ ޖާގަ ކުއްޔަށް ދިނުމަށް އާބަންކޯ ހުޅުވާލައިފިއެވެ.

އުނިމާ ޕާކިން ޒޯނުން ޖާގަ ކުއްޔަށް ދިނުމަށް ހުޅުވާލައި އާބަންކޯ އިން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ އިއުލާނުގައިވާ ގޮތުން ބީލަމުގެ އުސޫލުން ދޫކުރުމަށް ޖުމުލަ 10 ޖާގަ ހުޅުވާލާފައިވާއިރު ބީލަން ފެށޭ އަގަކީ 1،500 ރުފިޔާއެވެ. އެ ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވަނީ އެއް އަހަރު ދުވަހަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކުކުރަން ބޭނުންވާ ކާރު ވުން
  • އެ ފަރާތަކީ އާބަންކޯއިން މި ވަގުތު ކުއްޔަށް ދީފައިވާ އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ނުވުން

އާބަންކޯއިން ބުނީ، މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓް އަދި އެ ނެއިބާހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މި ޖާގަތަކަށް ހުށަހަޅާ ބީލަން ފޯމުތައް ބަލައިގަންނާނީ ޖޫން 11 ވަނަ ދުވަހު ކަމަށާއި ބީލަން ހުޅުވުން ހަމަ އެ ދުވަހު އޮންނާނެ ކަމަށްވެސް ބުންޏެވެ.

އާބަންކޯއިން ބުނީ ޕާކިން ޒޯނުތައް ކުއްޔަށް ދިނުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަ ކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެގޮތުން އާބަންކޯ އިން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯން މިދިޔަ ހަފުތާގައި ތައާރަފުކޮށް ޕާކިން ޒޯނުތައް ކުއްޔަށް ހިފަން ހުޅުވާލައިފައެވެ. އެއީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނެވެ. އާބަންކޯއިން ބުނީ އިތުރު ސްމާޓް ޕާކިން ޒޯނުތައް ތައާރަފުކުރުމުގެ މަސައްކަތް އެ ކުންފުނިން މި ވަގުތު ކުރަމުން އަންނަ ކަމަށެވެ.