އިންޓަ އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު އާބަންކޯއިން ހޯދައިފިއެވެ.
އާބަންކޯއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލުގައި ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް އާބަންކޯ އިން ގެންދިޔައީ 25-21، 25-21 އަދި 25-16 އިންނެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާބަންކޯއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި އޮފީސް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު، ސެމީ ފައިނަލާއި ފައިނަލް ކުޅުނީ ސޯޝަލް އިންޑޯގައެވެ. އިންޑޯއަށް މެޗުތައް ބަދަލުކުރީ ވިއްސާރައިގެ ސަބަބުން ސެމީ މެޗުތައް ފަސްކުރަން ޖެހުމުންނެވެ.
ރޭގެ ފައިނަލް މެޗަށްފަހު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާބަންކޯގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އެވެ. އެންމެ މޮޅު ކޯޗަކީ އާބަންކޯގެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް އާބަންކޯގެ ލަސިންދު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ އާބަންކޯގެ އަހުމަދު މުޒުލިފެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، އާބަންކޯގެ އާދަމް ފައިރޫޒާއި އެޓީމުގެ ސެޓަރު އިޝާން އިބްރާހީމް (ބަޓިސް)ގެ އިތުރުން ވެމްކޯގެ ހުޒާމް އަލީ (ހުޒަންޓެ) އާއި ހުސެއިން ޔޫސުފް (ޓޯއި) އަދި އެމްއެންޑީއެފްގެ އާދަމް ނަސީމް (އެޑަމް)އާއި ހުސެއިން ރައްޒާނެވެ.