އިނގިރޭސި ޕްރިމިއާ ލީގު ތަށްޓަށް ވާދަކުރަމުންދިޔަ އާސެނަލުން މިރޭ ކުޅުނު މެޗުން ބަލިވުމާއެކު، މެންޗެސްޓާ ސިޓީއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ޔަގީންވެއްޖެއެވެ.
އާސެނަލުން މިރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީއަށް ލީގު ޔަގީންވީ ބާކީ ތިން މެޗު އޮއްވައެވެ. އާސެނަލުން މިހާތަނަށް ކުޅުނު 37 މެޗުން އެޓީމަށް 81 ޕޮއިންޓް ލިބިފައިވާ އިރު، ސިޓީއަށް ވަނީ 35 މެޗުން 85 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން އާސެނަލުން އެޓީމު ކުޅޭ ލީގުގެ ފަހު މެޗުން މޮޅުވި ނަމަވެސް، ދެން ތަށި ހޯދަން ފުރުސަތެއް ނޯންނާނެއެވެ.
މިރޭގެ މެޗުގައި ނޮޓިންހަމް ފޮރެސްޓްގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ޓައިވޯ އަވޯނިޔީއެވެ.
މި ސީޒަން ފެށިގެން ބޮޑުބައެއްގައި ލީގު ތާވަލު ލީޑުކުރަމުން ދިޔައީ އާސެނަލުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ތާވަލު އޮތް ގޮތަށް ބަލާ އިރު، އޭރު އާސެނަލް ތާވަލުގެ އެއްވަނައިގައި ލީޑުކުރަމުން ދިޔައީ އަށް ޕޮއިންޓް ލީޑެއްގައެވެ. އެފަހުން ލީގުގައި ކުޅުނު 10 މެޗުގައިވެސް އާސެނަލްގެ ފޯމު ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، ލީގުގެ 28 ވަނަ ހަފުތާގައި އަށް ޕޮއިންޓުގެ ލީޑެއް އޮތް ކްލަބަކަށް މީގެ ކުރިން ތަށި ގެއްލިފައިވަނީ އެންމެ ތިން ފަހަރުއެވެ.
އާސެނަލުން ލީގުގައި 28 މެޗު ކުޅެފައި އޮތް އިރު، އެޓީމަށް އޮތީ 69 ޕޮއިންޓް ލިބިފައެވެ. މީގެ ކުރިން އެ އަދަދަށް 28 މެޗުން ޕޮއިންޓް ހޯދާފައި އޮވެ ތަށި ގެއްލުނީވެސް އެންމެ ޓީމަކަށެވެ. އެއީ 2018-19 ވަނަ އަހަރު ސީޒަނުގައި ލިވަޕޫލަށެވެ. އެފަހަރު ސިޓީން ތަށި ނެގީ އެއް ޕޮއިންޓުގެ ފަރަގަކުންނެވެ.
އެންމެފަހުން ލީގުގައި ކުޅުނު 11 މެޗުންވެސް މޮޅުވި ސިޓީއަށް މިއީ ކްލަބު ތާރީހުގައި ނުވަވަނަ ލީގު ތަށްޓެވެ. މިފަހަރުގެ ތަށްޓާއެކު ސިޓީ ވެގެން ގޮސްފައިވަނީ އިނގިރޭސި ލީގު ތަށި ޖެހިޖެހިގެން ތިން ސީޒަނެއްގައި ހޯދި ފަސްވަނަ ކްލަބަށެވެ. މީގެކުރިން އެ ކާމިޔާބީ ތަކުރާރުކޮށްފައިވަނީ ހަޑަލްސްފީލްޑާއި އާސެނަލްގެ އިތުރުން ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑެވެ. ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޔުނައިޓެޑުން ވަނީ އެ ކާމިޔާބީ ތަކުރާރުވެސް ކޮށްފައެވެ. އެއީ 1999 އިން 2001 ވަނަ އަހަރަށް، އަދި 2007 ވަނަ އަހަރުން 2009 ވަނަ އަހަރާ ދެމެދުއެވެ.
މިދިޔަ ހަ ސީޒަނުގެ ތެރެއިން ފަސް ސީޒަނުގައި ސިޓީން ތަށި ހޯދި އިރު، މީގެ ކުރިން އެކަން ކޮށްފައިވަނީވެސް އެންމެ ކްލަބަކުންނެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން ވަނީ އެޓީމުގެ އެންމެ ކާމިޔާބު ދުވަސްތަކުގެ ތެރޭގައި 1998-99 ވަނަ އަހަރު ސީޒަނުގައި ޓްރެބަލް ކާމިޔާބު ކޮށްފައެވެ.
ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ ފައިނަލުގައިވެސް ސިޓީ އޮތް އިރު، އިނގިރޭސި ތާރީހުގައި އެންމެ ބޮޑު ކާމިޔާބީ ހޯދުމަށް ސިޓީއަށް މިފަހަރު ފުރުސަތު ބޮޑެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށްވެސް މިފަހަރުގެ ލީގު ކާމިޔާބީ ހާއްސައެވެ. ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާއާއެކު ލަލީގާ، ބަޔާން މިއުނިކާއެކު ޖަރުމަނު ލީގުވެސް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މިއީ އޭނާ ލީގު ތަށި، ޖެހިޖެހިގެން ތިން ފަހަރު ހޯދި ތިންވަނަ ލީގެވެ. އެ ތިން ލީގަކީވެސް ޔޫރަޕްގެ އެންމެ ވަރުގަދަ ލީގުތަކުގެ ތެރޭގައި ހިމެނޭ ލީގުތައްވެސް މެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު