އައްޑޫ ހިތަދޫގެ ގެއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ގެ އަނދައި، އެ ގޭގައި ދިރިއުޅޭ އާއިލާ ހާލުގައި ޖެހިއްޖެއެވެ.
އަލިފާން ރޯވެ، އަނދާފައިވަނީ ހިތަދޫ މޫލެކެނޑެ އަވަށުގައި ހުންނަ މާކޯޅިގޭގައެވެ.
އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު "ވަން" އަށް މިއަދު ވިދާޅުވީ، އަލިފާން ރޯވި ގެއަކީ ބަޔަކު ކުއްޔަށް އުޅޭ ގެއެއް ކަމަށާއި އެ ގޭގައި ހުންނަނީ ދެ ކޮޓަރު ކަމަށެވެ. އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮށް އަނދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، އަލިފާން ރޯވި ވަގުތު އެ ގޭގައި ހަތަރު ކުޑަކުދިންނާއި ދެ އަންހެނަކު ތިބި ކަމަށާއި އަލިފާން ރޯވީ އެ މީހުން ނިދާފައި ތިއްބައި ކަމަށެވެ.
"ދުމުގެ އަސަރު ކޮށްގެން އަންހެނަކާއި ތިން ކުޑަކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވަނީ. އެ މީހުން ސްޓޭބަލް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ" ނިޒާރު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ ގޭގައި އަލިފާން ރޯވީ، އެ ގޭގައި ހުރި އުއްބަތިއަކުން ކޮޓަރިތެރޭގައި ރޯވެގެންނެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ހިތަދޫ މާކޯޅިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅުނު އާއިލާ މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނި ގޮތުގައި އެ ހާދިސާގައި ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި އެ ގޭގައި ދިރިއުޅުނު މީހުންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީންވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޭގެތެރޭގައި ހުރި ފަރުނީޗަރާއި ހިފައި ގެންގުޅޭ ވަރަށް ގިނަ ސާމާނު ހުރީ އަނދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު