ކ. ތިލަފުށީ ކުޑަގިރިއަށް އަރައިގެން ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ އިންޑިއާގެ މުދާ އުފުލާ ބޯޓު, ފުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެނުދިނެވެ.

އެ ބޯޓު ފުރުވާލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ހުއްޓުވާފައިވާތީއާއި އެ ބޯޓަކީ ލަކުޑި ބޯޓަކަށް ވެފައި، ފަރަށް އެރުމުގެ ސަބަބުން ބޯޓަށް ދިޔަވަމުންދާތީއާއި ބޯޓުގެ ދިޔަ ހިއްކައި ފެންމަތީގައި ބާއްވަން ކުރަންޖެހޭ ހަރަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމާއި ބޯޓު ނުފުރި އޮންނަ ކޮންމެ ދުވަހަކު މާލީ އެތައް ގެއްލުމަކާއި ކުރިމަތިވަމުންދާތީ، ބޯޓު ފުރުން މަނާކޮށްފައި އޮތީ ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅީ އެ ބޯޓުގެ ރާއްޖޭގެ އެޖެންޓް ބިގް ވޭވް ޕްރައިވެޓް ލިމިޓެޑުންނެވެ.

ބޯޓު ހަލާކުވެ ނެތި ހިނގައިދާނެކަމުގެ ބިރު އޮތުމުންނާއި ބޯޓު ދިޔަވެ ފެތިއްޖެނަމަ ބޯޓުގައި ހުރި މުދާތައް ހަލާކުވެދާނެ ކަމުގެ ބިރު އޮތުމުން، ބޯޓު ރާއްޖޭން ފުރުމުގެ އެންމެހާ ކަންކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލަސްނުކޮށް ކޮށްދިނުމަށާއި ބޯޓު ފުރުން މަނާކޮށް އަންގާފައިވާ އެންމެހާ އެންގުން ބަދަލުކޮށް، ބޯޓު ފުރުމަށް ކަމާބެހޭ އިދާރާތަކުން ދޭންޖެހޭ އެންމެހާ ހުއްދަތައް ދިނުމަށް އަމުރުކޮށް ދިނުމަށް އެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބޯޓުފުރުން މަނާކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެ ފަރާތުން އެދުނު ނަމަވެސް، މި މައްސަލައިގެ މައުލޫޟޫގައި ގޮތެއް ކަނޑައެޅުމުގެ ކުރިން މި ހިނދަށް ވަގުތީ ފަރުވާއެއް ދޭންޖެހޭފަދަ ސަބަބެއް ބިގް ވޭވް ޕްރައިވެޓް ލިމިޓެޑަށް ޝަރީއަތަށް ބުނެދެވިފައިނުވާ ކަމަށެވެ.

އެހެންވެ، އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކުރިއެވެ.