މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 16.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން އާއްމުކުރި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމުއްދަތުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައީ ކެނަބިސްއެވެ.

އެގޮތުން 8896 ގްރާމްގެ ކެނަބިސް އަތުލައިގަނެފައިވާ ކަމަށާއި، 3063 ގްރާމްގެ ކޮކެއިން އާއި، 2151 ގްރާމްގެ ހެރޮއިންގެ އިތުރުން މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ އެހެނިހެން ތަކެތީގެ ގޮތުގައި 2183 ގްރާމްގެ ތަކެތި އަތުލައިގެންފައިވާކަމަށް ތަފާސްހިސާބުތަކުގައި ވެއެވެ.

އެމުއްދަތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި 1154 މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެ ތެރެއިން 461 މައްސަލަ ނޯޓުކޮށްފައިވާކަމަށައި، މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 331 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 69 މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރަން ޕްރޮސިކިއުޓާޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށާއި މީގެ އިތުރަށް 77 މައްސަލަ ނިންމައި ފައިލްކޮށްފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެެވެ.

މި މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 331 މީހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 314 ދިވެހިންނާއި 17 ބިދޭސީންނެވެ.

މި މުއްދަތުގައި، އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށްފައި ވަނީ، މާލެ ސިޓީންނެވެ. މާލެއިން 268 މައްސަލައެއް ހުށައަޅާފައިވާއިރު، ކުޅުދުއްފުށީ ސިޓީން 19 މައްސަލަ، އައްޑޫ ސިޓީން 18 މައްސަލަ އަދި ފުވައްމުލައް ސިޓީން 17 މައްސަލައެއް ފުލުހަށް ހުށައަޅާފައިވެއެވެ.

އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ މާފަންނުންނެވެ. ތަފާސްހިސާބުތަކުގައިވާގޮތުން މާފަންނުން 125 މައްސަލަ ހުށަހަޅާފައިވެއެވެ.