ޚަބަރު

މިއީ ކުރިންވެސް ޖަހާފައި އޮތް ހިސާބެއް، ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ: ފައްޔާޒް

މުހައްމަދު އިޝާން

1

ރިޔާސީ އިންތިހާބަށް ކުރިންވެސް ހިސާބު ޖެއްސެވީ މިހާލަތަށް ރިއާޔަތްކުރައްވާފައި ކަމަށާއި އެ އިންތިހާބު އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ކަލްކިޔުލޭޓް މިކުރަނީ ރިޔާސީ އިންތިހާބު އިރާދަފުޅުކުރެއްވިއްޔާ ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ ﷲ ގެ އިރާދަފުޅުން އެއްބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނެމޭ. އަޅުގަނޑުމެންނަށް ހަމަ ކޮންފިޑެންސް އެބައޮތް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތިއްބެވި 12 މެމްބަރަކު އެ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދުމަކީ އެކަމުގެ އަސަރު ރިޔާސީ އިންތިހާބުން އެމްޑީޕީ މޮޅުވުމަށް ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މެމްބަރުންގެ އެއްވެސް އެއްބާރުލެއްވުމެއް މިދިޔަ ތިން އަހަރު ދުވަހު ލިބިފައިނުވާ ކަމަށާއި އެހެންވެ ޕާޓީން ކަލްކިޔުލޭޝަން ހަދާފައިވަނީ އެ މެމްބަރުން ހިމަނައިގެން ނޫން ކަމަށެވެ.

ނަމަވެސް އެ މެމްބަރުން އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވުމުން، ޕާޓީގެ މެމްބާޝިޕަށް ކޮންމެވެސް ވަރެއްގެ ގެއްލުން ލިބޭނެ ކަމަށާއި އެ ގެއްލުން ފޫބެއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެންގެ މިހާރު ވެސް ކުރަމުންމިދާ މަސައްކަތުން އިތުރު ބައިވަރު މެންބަރުންތަކެއް ވައްދަމުން މިދަނީ، އެހެންވީމަ ނަމްބަރަކަށް ވެސް މާ ބޮޑު ބަދަލެއް ނާންނާނެ އަދި ވަކިވެގެން ދާ ނަމްބަރަށް ވުރެ އިތުރު ނަމްބަރެއް އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހޯދެމުން މިދަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟