އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. މިއަދު މެޗަށް ނުކުތް އިރު، އީގަލްސްއިން މީގެ ކުރިން ލީގުގައި ކުޅެފައިވާ އޮތް ދެ މެޗުންވެސް މޮޅުވެފައި އޮތް އިރު، ޓީސީން އޮތީ ފުރަތަމަ މެޗުގައި 2-0 އިން ކްލަބު ވެލެންސިއާ ބަލިކޮށްފައެވެ. އަދި އޭގެ ފަހުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު އަތުން ޓީސީ އޮތީ 1-0 އިން ބަލިވެފައެވެ.

މިއަދުގެ މެޗުގެ ހަވަނަ މިނެޓުގައި އީގަލްސްއިން ލީޑު ނެގިއެވެ. ޓީސީ ފަހަތަށް ދިޔަ ބޯޅައެއް ހޯދައި، އެގޯލު ޖެހީ އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އޭގެ އިރުކޮޅެއް ފަހުން، 17 ވަނަ މިނެޓުގައި ޓީސީގެ މުހައްމަދު ސާދު ނިޒާރް ގޯލެއް ޖަހައި، ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، 22 ވަނަ މިނެޓުގައި ހައިސަމް ރަޝީދު ގޯލެއް ޖަހައި ޓީސީން މެޗުގެ ލީޑު ނެގިއެވެ.

ރަނގަޅަށް ކުޅެމުންދިޔަ އީގަލްސްއިން ހާފު ނިމުމުގެ ކުރިން އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު، އެ ގޯލު ޖެހީ އިވާން ކާލޯސްއެވެ. ދެވަނަ ހާފަށް ނުކުތް އިރު، ދެޓީމު އެއްވަރުވެފައި އޮތް ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ޒަޔާން ނަސީރާއި އައިހަމް ހަމްދޫން ޖެހި ގޯލުން ޓީސީން ލީޑު ނަގައި، ލީޑު ފުޅާވެސް ކުރިއެވެ.

ޓީސީން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، އީގަލްސްއިން ފަހަތުން އަރައި ދެ ގޯލު ޖަހައި އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. އީގަލްސްގެ ތިންވަނަ ގޯލު ރިޒޭ ޖަހައިދިން އިރު، މެޗު ނިމިނިމި އޮއްވައި، 88 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ ވާދަކުރާނީ ވެލެންސިއާ އާއި ބުރު ސްޕޯޓްސް ކްލަބެވެ.