އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުގައިވެސް ގޯލެއް ނުޖެހި، ޕޮއިންޓެއް ނުލިބި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ކްލަބު ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ވެލެންސިއާއިން އުނދަގޫ ހާލަތެއްގައި މިރޭގެ މެޗަށް ނުކުންނަ އިރު، އެޓީމުން އަދި މިހާތަނަށް ސީޒަނުގައި ކުޅުނު އެއްވެސް މެޗެއްގައި ގޯލެއް ޖަހާފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން 2-0 އިން ބަލިވި އިރު، އޭގެ ފަހުން އީގަލްސް ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ވެލެންސިއާއިން ރަނގަޅު އެޓޭކްތަކެއް ކުރި ނަމަވެސް، ނިންމާލަން ޖެހުނީ ގޯލެއް ނުޖެހިއެވެ.
"ހާލަތު އިތުރަކަށް ބަދަލެއް ނުވޭ. އެގްޒާމް ނުނިމޭ، އިންޓަ ސްކޫލް އެތުލެޓިކްސްވެސް އަދި ނުނިމޭ. އެކަމަކު ކޮންމެ ދުވަހަކު އެއީ ހެޑްލައިނަކަށް ހެދީމަވެސް ކަމަކު ނުދާނެ. އަބަދުވެސް ހާލަތު ބަދަލުކުރަން މަސައްކަތް ކުރަމުން މިދަނީ. މިދިޔަ މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް، ކުޅުންތެރިން ދެއްކި ޕާފޮމަންސަށް ފަހުރުވެރިވޭ. ފުރުސަތުތައްވެސް ތަނަވަސްކުރެވުނު. ރަނގަޅަށް ނިންމާނުލެވި ދިޔައީ. އެހެންވީމަ އެއީ ހިތްހަމަޖެހުމެއް. ވަރަށް ޒުވާން ޓީމަކުން ކުޅުނު ކުޅުން ފާހަގަކުރަން ޖެހޭ،" ފެސްކޯ އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.
ފެސްކޯ އިތުރަށް ބުނީ ވެލެންސިއާގެ ނަމުގައި ނުކުންނަ ޓީމަކަށް، ތިން މެޗު ޕޮއިންޓެއް ނުލިބި ނިންމާލަންޖެހުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރާ ކަމަށެވެ.
"މޮޅެއް ހޯދުން އެންމެ ބޮޑު ޓާގެޓަކީ. ވެލެންސިއާ ނަމުގައި ނުކުންނަ ޓީމެއް، ޕޮއިންޓެއް ނުހޯދައި މިހާ ދުވަހު ލީގެއްގައި ކުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. އެންމެފަހުން މެޗުގައި ދިމާވި މައްސަލަތަކަށް ހައްލު ހޯދަން މިދިޔަ ދެ ޕްރެކްޓިސްގައިވެސް މަސައްކަތް ކުރިން،" ފެސްކޯ އިތުރަށް ބުންޏެވެ.
މިރޭ ވެލެންސިއާއިން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ އިރު، ފެސްކޯ ބުނީ ބުރަކީ ފުރަތަމަ ޑިވިޝަނަށް އާ ނަމެއް ނަމަވެސް، ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް އާ ނޫން ކަމަށެވެ. "ބުރު ސްޕޯޓްސް ކްލަބަކީ ރަނގަޅު ސްކޮޑެއް އޮތް ޓީމެއް. ރަނގަޅު ކޯޗިން ޓީމެއްވެސް އޮތް ޓީމެއް. ވަރަށް މެޗުއާޑް ޓީމެއް ބުރަކީ. ނަމަކީ އާ ނަމެއް ނަމަވެސް، ޓީމަކީ އާ ޓީމެއް ނޫން. އެޓީމާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން. ބުރުން ދަނީ ސަޕްރައިޒް ނަތީޖާތަކެއް ހޯދަމުން،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ ވެލެންސިއާއިން އެންމެ ފުރަތަމަ ކުޅުނު މެޗުތަކާ، އެންމެފަހުން ކުޅުނު މެޗުތަކާ ތަފާތުތަކެއް ހުރި ކަމަށާއި، ހިތްހަމަ ޖެހުމަކީ ޓީމުން ކުރިއެރުންތަކެއް ހޯދައި، ޓީމު "މެޗުއާ" ވަމުންދާ ކަމަށެވެ.
މިރޭ ވެލެންސިއާއާއި ބުރު ވާދަކުރާ މެޗު އޮންނާނީ 9:00 ގައެވެ.