ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލައިގައި މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލަ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.
ޑރ. މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، 25 ޖޫން 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިޔަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ، ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާތަކެއް އިމާރާތް ކުރުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ ދޮގު ބަޔާނެއް ދެއްވާފައިވާކަމުގެ ތުހުމަތުގައެވެ.
އެ ދައުވާތަކަށް މުއިއްޒު ވަނީ ކޯޓުގައި އިންކާރުކޮށްފައެވެ. އޭނާ ވިދާޅުވީ އާބިިޓްރޭޝަނަށް އެއްވެސް އިރެއްގައި ބަޔާނެއް ދީފައި ނުވާނެ ކަމަށެވެ. އަދި އެ ބަޔާނުގައި އޮތް ސޮޔަކީ އޭނާގެ ސޮއެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ގާޒީ ސަފްއަތު ހަބީބު މިއަދު އިއްވި ހުކުމުގައި ވަނީ، އާބިޓްރޭޝަނަށް ދީފައިވާ ބަޔާނަކީ މުއިއްޒުގެ ބަޔާނެއްކަން ދައުލަތަށް ސާބިތުކޮށްދެވިފަ ނުވާ ކަމަށެވެ. އަދި އެ ބަޔާނުގައި އޮތް ސޮއިގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އީވައިސީގެ އެކަމާ ގުޅޭ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބެލުމުންވެސް، އެ ބައްދަލުވުމުގައި މުއިއްޒު އަދާކުރެއްވި ދައުރެއް، އަދި ދެއްކެވި ވާހަކައެއް ފެންނަން ނެތް ކަމަށާއި، އޭގެ އޯޑިއޯ ވީޑިއޯ ރެކޯޑިން ވެސް ނެތްކަމަށް ބުނެފައިވެއެވެ.
އެެހެންކަމުން، މި މައްސަލައިގައި ހުށައެޅިފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު