ކްލަބު އީގަލްސްއިން މިރޭގެ މެޗަށް ނުކުންނާނީވެސް ތިން ޕޮއިންޓް ހޯދަން ކަމަށާއި، ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މެޗު ފަސޭހަ ނުވާނެ ކަމަށް އެސިސްޓެންޓް ކޯޗު މުއާވިއަތު އިލްހާމް ބުނެފިއެވެ.
އީގަލްސްއިން މިހާތަނަށް ލީގުގައި ކުޅެފައި އޮތް ދެމެޗުވެސް އެޓީމުން ކާމިޔާބު ކޮށްފައިވާ އިރު، މިއަދު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗުގެ ކުރިން އިއްޔެގެ ޕްރެސްގައި ވާހަކަ ދައްކަމުން މުއާވިއަތު ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އުނދަގޫތަކެއް އެބަހުރި ކަމަށާއި، ގޯލު ޖެހުމުގެ މައްސަލަ ހައްލުކުރަންވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
"ތަންކޮޅެއް ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން އީގަލްސްއަށް އުނދަގޫތަކެއް އެބަހުރި. އީގަލްސްއިން ކޮންމެ މެޗަކަށްވެސް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން. ކުރިންވެސް ބުނިހެން އެ އަޒުމަކަށް ބަދަލެއް ނުގެންނާނެ. ގޯލް ސްކޯރިންގެ މައްސަލަތަކެއް ހުރިކަން އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވޭ. އަދި އެވަރަށް މަސައްކަތް ނުކުރެވެނީ ކަނނޭގެ. އެކަމަށް މި މެޗުގައިވެސް މަސައްކަތްތަކެއް ކުރާނެ. އެކަން ރަނގަޅުވާނެ ކަމަށް މިބަލަނީ،" މުއާވިއަތު ބުންޏެވެ.
މުއާވިއަތު ބުނީ އީގަލްސް އެއްވެސް މެޗެއް ފަސޭހަކޮށް ނުނަގާނެ ކަމަށާއި، ޓީސީއާ ދެކޮޅަށް ކުޅޭކަށް ފަސޭހައެއް ނުވާނެ ކަމަށެވެ.
"އަހަރެމެން މަސައްކަތް ކުރަނީ މި މެޗުން މޮޅުވާނެ ގޮތެއް ހޯދަން. ޓީސީއާ ދެކޮޅަށް އަޅުގަނޑުމެންނަށް އޮތް މައްސަލައަކީ އަނިޔާތަކުން ރިކަވާ ނުވެވި އޮތުން. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އެކަމަށް އަދިވެސް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވި އޮތީ،" މުއާވިއަތު ފާހަގަކުރިއެވެ.
މިއަދުގެ މެޗާ ގުޅޭގޮތުން އަހުސަން ރަޝީދު (ޗޭ) ބުނީ ޓީސީން ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެފައިވާ ކަމަށާއި، ޓީސީން މިހާތަކަށް ދެއްކި ކުޅުން ގޯސް ނޫން ކަމަށެވެ.
"ޓީސީން ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެފައި މިއޮތީ. ޓީސީގައިވެސް އަނިޔާގެ މައްސަލަތައް އެބަހުރި. ފަސް ވަރަކަށް ކުޅުންތެރިން އެބަތިބި އަނިޔާގައިވެސް. ބުންވަރުގެ މައްސަލަވެސް ދެން އުޅޭ. ބުންވަރުގެ މައްސަލަތައް ނުދައްކަނީ ފަސް ބަދަލުކުރެވޭތީ. ސްކޮޑު ރަނގަޅުވުމުން ބަދަލަށް ބޭނުންކުރާ ކުޅުންތެރިން ރަނގަޅުކަމަށް މި ފެންނަނީ،" ޗޭ ބުންޏެވެ.
ޗޭ ބުނީ އީގަލްސް ރަނގަޅުވާނެ ކަމަށާއި، އެހެން ނަމަވެސް އެޓީމުން ފުރަތަމަ މެޗުގައި އިދިކޮޅަށް ނުކުތް "މާޒިޔާ"އަށްވުރެ އީގަލްސް އުނދަގޫވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ޓީސީން އެންމެފަހުން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތުގައި ބުރުން އެޓީމު ކޮޅަށް ޖެހި ގޯލާއެކު 1-0 އިން ބަލިވެފައި އޮތުމުން، އެކަމާ ގުޅޭގޮތުން ޗޭ ބުނީ، އެމެޗުގެ ފަހުވަގުތުގައި ކޮޅަށް ގޯލަށް ވަނުން އެއީ ހިތްދަތިކަމެއް ކަމަށާއި، އީގަލްސްއާ ދެކޮޅަށް ނުކުންނަނީ ގޯލު ޖަހަން ކަމަށެވެ. "އީގަލްސްއާ ދެކޮޅަށް ގޯލުތަކެއް ޖެހިދާނެ. މިބުރުގައި އެންމެ ގިނައިން ގޯލު ޖަހާ މެޗަތަކަށް މި މެޗުވެގެންދާނެ،" ކަމަށް ޗޭ ބުންޏެވެ.
އީގަލްސްއާއި ޓީސީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު