އެފްރިކާގެ އިރުއުތުރުގެ ރަތްކަނޑުގެ އައްސޭރީގައި އޮންނަ ގައުމެއް ކަމަށްވާ އެރިޓްރިއާގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުތަކުގެ ފަޅުވެރިންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކު އެގައުމަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފި އެވެ.
އެރިޓްރީއާއިން ހިފަހައްޓާފައިވަނީ 2019 ވަނަ އަހަރު އެފްއެސްއެމުން މިސްރުގެ ކުންފުންޏަކަށް ބަންނަން ހަވާލުވި ހަތަރު ބާޖުގެ ތެރެއިން ދެ ބާޖެވެ. އޭގެ ތެރެއިން ދެ ބާޖް މީގެ ކުރިން ވަނީ ރާއްޖެ ގެނެސްފައެވެ. އަނެއް ދެ ބާޖް އެރިޓްރީއާއިން ހިފަހައްޓާފައި ވަނީ މިސްރުން ފުރައިގެން ރާއްޖެ އައުމުގެ މަގުމަތީގައި މޫސުން ގޯސްވެ ކަނޑު ގަދަވެގެން، ކުއްލި ހާލަތުގައި ހުއްދަ ހޯދުމަކާ ނުލައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެގައުމަށް ބަނދުރުކުރުމާ ގުޅިގެންނެވެ. އޭރު އެ ދެ ބާޖުގައި ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއަކު ތިއްބެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުވެސް މިސްރުން ފުރީ އެފްއެސްއެމްގެ ބޯޓުތަކާ އެކު އެވެ. އަދި މޫސުން ގޯސްވެ އެރިޓްރިއާއަށް ބަނދަރުކުރީވެސް އެފްއެސްއެމްގެ ދެބޯޓާ އެކީ އެވެ. ނަމަވެސް ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓަކީ އެ ކުންފުނިން ގަނެގެން ރާއްޖެ ގެންނަ ބޯޓަކަށްވާތީ އެ ބޯޓުގައި ތިބީ ހުސް މިސްރުގެ ފަޅުވެރިންނެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެރިޓްރިއާގައި ދިވެހި އަދި މިސްރު ފަޅުވެރިންނާއެކު އެފްއެސްއެމް އާއި ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުތަކެއް ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ލިބުމާއެކު އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ގާއިމު ކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކުން އެގައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދައްކައިގެން އިތުރު މައުލޫމާތު ހޯދުމަށާއި އެބޯޓުތަކުގައި ތިބި ކަމަށް މައުލޫމާތުލިބިފައިވާ ދިވެހި ފަޅުވެރިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިގޮތުން ނިއުޔޯކުގައި ހުންނަ އެރިޓްރިއާގެ ދާއިމީ މިޝަނާއި ރާއްޖޭގެ ދާއިމީ މިޝަނުންދަނީ މިމައްސަލަ އަށް އަވަސް ހައްލެއް ހޯދޭތޯ ބަލަމުންނެވެ. ހަމައެއާއިއެކު، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދަނީ އެރިޓްރިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސީއާ މެދުވެރިކޮށް އެރިޓްރިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްތައް ކުރަމުންނެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެރިޓްރިއާގައި ތިބި ދިވެހި ފަޅުވެރިންނަށް ވިސާގެ ކަންކަން ފަދަ ކޮންސިއުލަ އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު