މެނިފެސްޓޯއަށް މައުލޫމާތު ހޯދަން ހާހެއްހާ މެންބަރުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގައި ދަތުރުކުރާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހިމް ވަަހީދު (އިބުރޭ) ވިދާޅުވީ، ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ހާހެއްހާ މެންބަރުން އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
"މާލެއިން 400 އެއްހާ ބޭފުޅުން، އަދި އަތޮޅުތެރެއިން ޖޮއިން ކުރާނެ 600 އެއްހާ ބޭފުޅުން. އެހެންވީމާ ކުރިއަށް މިއޮތް ތިން ދުވަހު އެމްޑީޕީގެ ހާހެއްހާ މެންބަރުން އެމްޑީޕީގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތާއި މެންބަރުން އިތުރުކުރުމާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދާނެ" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެެއްގައި އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތެއް މާދަމާ އޮންނާނެ ކަމަށެވެ. އަދި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއްވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ،
އިބުރޭ އިތުރަށް ވިދާޅުވީ، އެ ދަތުރުގައި މެންބަރުން ދޮރުން ދޮރަށް ހިނގައި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރާނެ ކަމަށެވެ.
"މިހާރުވެސް 84 މެންބަރަކު އަތޮޅުތެރެޔަށް ފުރާފައިވަނީ" އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި މެނިފެސްޓޯ އެކުލަވާލުމުގެ ދަތުރަކީ މީގެ ހަފްތާއެއް ކުރިން ދާން އޮތް ދަތުރެކެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ދަތުރު ފަސްކުރަން ޖެހުނީކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު