އާބަންކޯގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޮންޓެއިނާ ޕާކުން ދެ ކޮމާޝަލް ސްޕޭސް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ކޮންޓެއިނާ ޕާކުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނުގެ ގްރައުންޑް ފްލޯގައި ކެފޭ އަކާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ކަމަށެވެ. އެގޮތުން ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1188 އަކަފޫޓުގެ ކޮންޓެއިނާއެކެވެ. ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނާއެއް ކަމަށް އާބަންކޯ އިން ބުންޏެވެ.
މި ދެތަން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރުގެ މުއްދަކަށެވެ. އެގޮތުން ފުރަތަމަ އަހަރު އެތަނުގެ ކުލީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކޮންމެ އަކަފޫޓަކަށް 15ރ ގެ ރޭޓުން ކަމަށާއި ބާކީ ހަތަރު އަހަރު އަކަފޫޓަކަށް 25ރ ގެ ރޭޓުން ކުލި ނަގާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ ދައްކަން ޖެހޭނެއެވެ. މި ތަންތަން ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ހުށަހަޅާ ބިޑް ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ހަމަ އެދުވަހު މެންދުރު 13:00ން 14:00 އަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައެވެ.
އާބަންކޯ އިން ބުނީ ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ ފަސް ތަނެއް ހިންގުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް ދެ ކޯ ވޯކިން ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު