Close
ޔޫއޭއީ

ހުސްވި 2022 ގައި އަލަށް އެންމެ ގިނަ މަހުޖަނުން ވަޒަންވެރިވި ގައުމަކީ ޔޫއޭއީ

ހުސްވި 2022 ވަނަ އަހަރު ދުނިޔޭގެ އެތަންމިތަނުން އެންމެ ގިނަ އަދަދެއްގެ މިލިޔަނަރުން އަލަށް ވަޒަންވެރިވެފައިވާ ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިލިޔަނަރުންނަކީ އެމީހެއްގެ މިލްކިއްޔާތުގައި އެއްމިލިޔަން ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ފައިސާޔާއި މުދައު ހުރި ކޮންމެ މީހެކެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިފަދަ ހަތަރުހާސް މިލިޔަނަރުން ހުސްވި އަހަރު ވަޒަންވެރިވެފައިވާ ކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ގިނަބަޔަކު ވަޒަންވެރިވީ ދުބާއީ އާއި އަބޫދާބީގައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް ނަގާފައި ދެން އެންމެ ގިނަ އަދަދެއްގެ މިލިޔަނަރުން ހުސްވި އަހަރު ވަޒަންވެރިވެފައިވާ ގައުމަކީ އޮސްޓްރޭލިޔާއެވެ. އެގައުމު އިޚުތިޔާރުކުރި ބިދޭސީ މިލިއަނަރުންގެ އަދަދަކީ 3500 އެވެ.

ހޭންލީ އެންޑް ޕާޓްނަރސް ކިޔާ އަމިއްލަ ގްރޫޕަކުން އެއްކުރި ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެންމެ ގިނަ އަދަދެއްގެ މަހުޖަނުން ގައުމު ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރި ދެ ގައުމަކީ ރަޝިޔާ އާއި ޔުކްރޭނެވެ. ރަޝިޔާގެ މުއްސަނދީންގެ ތެރެއިން ފަނަރަހާސް މީހުން ގައުމު ދޫކޮށް ގޮސްފައިވާއިރު ޔުކްރޭނު ދޫކޮށް ތިންހާސް މަހުޖަނުން އެހެން ގައުމުތަކަށް ހިޖުރަކުރިއެވެ.

ޗައިނާ އާއި އިންޑިޔާއަކީވެސް މަހުޖަނުން ގައުމު ދޫކޮށް ހިޖުރަކުރުން ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. ހުސްވި އަހަރު ޗައިނާދޫކޮށް އެތާގެ ދިހަހާސް މަހުޖަނުން ގޮސްފައިވާއިރު އިންޑިޔާގެ މަހުޖަނުންގެ ތެރެއިން އަށްހާސް މީހުން އެހެން ގައުމުތަކުގައި ވަޒަންވެރިވެފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ހިނގަމުންމިދާ 2023 ވަނަ އަހަރަކީ ހުސްވި އަހަރުގެ ރިކޯޑުތައް މުގުރައިލާނެ އަހަރެއްކަމަށް ހޭންލީ އެންޑް ޕާޓްނާރސްއިން އަންދާޒާކުރެއެވެ.