ތައުލީމީ ރޮނގުން ދަރިވަރުން ހޯދާ ފުރިހަމަ ނަތީޖާއިން، ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެހާސް އެކާވީސް ވަނަ އަހަރާއި މިދިޔަ އަހަރުއޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ތަރައްގީއަކީ ގައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ އީލްމީ ހޭލުންތެރިކަމާއި ތަހުޒީބީ ކުރިއެރުމުގެ ޒަރީއާއިން ގައުމަށް ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
"ތިޔައިން ކޮންމެ ދަރިވަރަކު މަސައްކަތް ކުރަންވީ، މިދެންނެވި އިލްމީ ގާބިލުކަން ހޯދަން. ތައުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުސަތު ދިވެހި ކޮންމެ ދަރިއަކަށްވެސް މިއަދު އެބައޮތް. ރާއްޖެ އާއި ރާއްޖެއިން ބޭރުންވެސް، އެ ފުރުސަތު މިއަދު އޮތީ ތަނަވަސްވެފައި. ތައުލީމުން އެމީހެއްގެ ސިކުނޑި މުއްސަނދިވާ ވަރަކަށް، އެމީހެއްގެ ފަރާތުން ގައުމަށް ކުރާ މަންފާ އިތުރުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތައުލީމީ ރޮގުން ފަހިވެފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަކީ ކޮންމެ ދަރިވަރަކުވެސް މިއަދު ކުރަންޖެހޭ ކަމެއް ކަމަށާއި ތައުލީމީ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ތައުލީމީ ރޮނގުން ތިޔަ ދަރިވަރުން ތިޔަ ހޯދި ފުރިހަމަ ނަތީޖާއިން، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ރާއްޖޭގެ ކޮންމެ ދަރިއަކަށް، ރަނގަޅު ތަޢުލީމު ދީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކުރަން. އެކަން ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ ގޮތް ހަދައިދޭން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުސަތުތަކުގެ ބޭނުން ވީ އެންމެ ފުރިހަމައަކަށް ހިފުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ދިވެހި ގައުމާއި އާއިލާތައްވެސް ފަހުރުވެރިވާ ފަދަ، އިލްމީ އަދި ހެޔޮލަފާ ކުދިންތަކަކަށް ވުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ތައުލީމު ދާއިރާގެ ސާނަވީ މަރުހަލާއަކީ ކުރިމަގު ބިނާކުރުމަށް މުހިންމު ބިންގާއެއް އަޅައިދޭ މަރުހަލާއެއް ކަމަށާއި ސާނަވީ ފުރިހަމަކުރާ އަދި މަތީ ތައުލީމަށް ކުރިމަތިލާ ދަރިވަރުންވެސް، އެ ކުއްޖެއްގެ ގާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން، ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒު ހިފުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
"މިއީ ތިޔަ ދަރިވަރުން ކުރިއަށް ދާނެ ރޮނގަކާ މެދު ވިސްނައި، ކުރިމަގަށް އަމާޒު ހިފަންވީ ދުވަސްވަރު. ތިޔައިގެ ތެރޭގައި ތަފާތު ފަންނުތަކުން ކުރިއަށް ދެވޭނެ ހުނަރުވެރި އެތައް ދަރިވަރުންނެއް ތިބޭނެކަން އަޅުގަނޑަށް ޔަގީން. އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް، ގައުމީ ހިދުމަތަށް ނުކުތުމަކީ، ތިޔައިން ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒަމާނީ ފެންވަރަށް ދަރިވަރުންނަށް ތައުލީމު ދިނުމަށް ޓީޗަރުންނާއި ޕްރިންސިޕަލުން ރާއްޖެއިން ބޭރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި ސްކޫލްތަކުގައި މަސައްކަތް ކުރާނެ ހެލްތު އޮފިސަރުންނާއި ކައުންސެލަރުން ހަމަކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު