މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، އެމްޑީޕީން މިއަދު ވަކިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ދެންމެ ވިދާޅުވެއްޖެއެވެ.
ފިކުރެއްގެ ދިރުމުގެ ފަރާތުން މިއަދު ހަވީރު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީވާ ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ މަސްރަހާއި ގައުމުގެ މުސްތަގުބަލު ބައްޓަންކުރަން މުހިންމު މުއައްސަސާއެއްކަން ގަބޫލުކޮށް، ކުރި މަސައްކަތުން ދެ ފަހަރެއްގެ މަތިން އެ ޕާޓީ ވެރިކަމަށް އިންތިހާބުވެފައިވާ ކަމަށެވެ.
އީވާ ވިދާޅުވީ އެމްޑީޕީން ވަކިވާން ނިންމީ އުއްމީދުތަކަކާއެކީގައި ކަމަށާއި އެއީ އަލަށް އުފައްދާ ޕާޓީއާ މެދު ކުރެވޭ އުއްމީދުތައް ކަމަށެވެ. މިއަދުގެ އެމްޑީޕީއަކީ މީގެ ކުރިން އެ ޕާޓީން ގަބޫލުކުރި އަސާސްތައް އެއްވެސް ވަރަކަށް ގަބޫލުނުކުރާ ޕާޓީއެއް ކަމަށް އީވާ ވިދާޅުވިއެވެ.
"އެމްޑީޕީ އަޅުގަނޑުމެން ގަބޫލުކުރި އަސާސްތަކާ ދުރަށް ދިޔައެއްކަމަކު އެ އަސާސްތަކާ ދުރަށް އަޅުގަނޑުމެން ދާކަށް ތައްޔާރެއް ނޫން. އެ އަސާސްތައް ހިފައި، އެ އަސާސްތަކަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ބޭނުންވާތީވެ، އަޅުގަނޑުމެން އެއްވެގެން އަޅުގަނޑުމެން އާ ސިޔާސީ ޕާޓީއެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު މި ފެށީ،" އީވާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޭނުންވަނީ މިނިވަން ކަމަށާއި ވައްކަމާ ދެކޮޅަށް ވޯޓުލާން ކަމަށެވެ. އަދި އަލަށް އުފައްދާ ޕާޓީގެ ފަރާތުން ރައްޔިތުންގެ އެ އުއްމީދު ފުރިހަމަ ކޮށްދޭނެ ކަމަށާއި އަލަށް އުފައްދާ ޕާޓީއަށް ރައްޔިތުންގެ ފަރާތުން ތަރުހީބު ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އާ ސިޔާސީ ޕާޓީ އުފައްދަން ނިންމާފައިވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ކަމަށެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އާ ޕާޓީއެއް އުފައްދަން ޖެހިއްޖެ ކަމަށް. އެގޮތުން އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން މި ނިންމީ ފިކުރެއްގެ ދިރުމުގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފެށޭ ހަފުތާ ތެރޭގައި އިދާރީ މަސައްކަތް ނިންމުމަށްފަހު ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ހުށަހަޅާނަން. އަދި އޭގެ ފަހުން ހަމަކުރަންޖެހޭ 3،000 ފޯމު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އަޅުގަނޑުމެންގެ ސިޔާސީ ޕާޓީގެ ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނަން،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ރަޖިސްޓްރީކުރާ ފިކުރެއްގެ ދިރުމުގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
އީވާ ވިދާޅުވީ ފިކުރެއްގެ ދިރުން ޕާޓީން ކެންޑިޑޭޓަކު ނެރޭނީ ޑިމްކޮރަޓިކް އުސޫލުން ކަމަށާއި އަދި އެ ޕާޓީގެ މަގާމުތަކަށް މީހުން އައްޔަންކުރާނީވެސް އެ އުސޫލުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު