އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމްގެ ދަށުން ވެލްޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޯދަން ތިން އަތޮޅެއްގައި އޯޕަން ޑޭ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި 'ވެލްޑާ- ހުނަވަރު ޓްރޭނީ' މަގާމުގެ 15 ވެލްޑަރުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމަށް ބައިވެރިން ހޯދަން އޯޕަން ޑޭ ސެޝަންތައް ބާއްވަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ލ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައެވެ.
އެމްޓީސީސީން ބުނި ގޮތުގައި, އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ އިންޖިނިއަރިން އެންޑް ޑޮކިން ޑިވިޝަނަށް ބޭނުންވާ ވެލްޑަރުން ހޯދުމެވެ.
އެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ޑިވިޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރައިގެން ގޮސްފައިވާއިރު, އެމްޓީސީސީގެ ބޭނުމަކީ އެފަދަ ހުނަވަރު ޕްރޮގްރާމް މެދުވެރިކޮށް ދިވެހިން ވަޒީފާތަކަށް ތަމްރީނުކޮށް, ފަންނީ މަސައްކަތުގެ ދާއިރާގައި ބިދޭސީންނަށް އޮތް ބަރޯސާވުން ކުޑަކުރުން ކަމަށް ބުންޏެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި, ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުމާއި ބަނުމުގައި ކުރާ ވެލްޑިންގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭ އެ ޕްރޮގްރާމް ކުރިއަށްދާނީ ތިން މަސް ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ތަމްރީނުވުމަށްފަހު ވަޒީފާއަށް ހޮވޭ ފަރާތްތަކުން ކުރިމަގުގައި ރާއްޖޭން ބޭރުގައި ތަމްރީނުވުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް ބުންޏެވެ.
- 25 އަހަރުން ދަށުގެ މީހަކަށް ވާންޖެހޭ
- ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭ
- އެއްގަމާއި ކަނޑުމަތީގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހަކަށް ވާންޖެހޭ
- ކަނޑުމައްޗަށް ފަރިތަ މީހެއް ކަމުގައި ވާންޖެހޭ
- ހިސާބު, ފިޒިކްސް, ކެމިސްޓްރީ ހިމެނޭހެން އޯލެވެލް 3 މާއްދާއިން ފާސްވެފައިވާންޖެހޭ
އެމްޓީސީސީން ބުނި ގޮތުގައި, ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓުޔާޑުގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް 5,000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސަކާއި 3,000 ރުފިޔާގެ އެކޮމޮޑޭޝަން އެލަވަންސެއް ދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު