ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވި މައްސަލާގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، މުގުނީ މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

މުގުނީ މަގާމުން ވަކިކޮށްފައި މިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އަޅުވައި ޓުވީޓް ކުރެއްވި މައްސަލާގައި ރައީސް އޮފީހުން އޭނާއާ ވާހަކަ ދައްކައި ނަސޭހަތް ދިންތާ ދުވަސްކޮޅެއް ފަހުންނެވެ.

ރައީސް އިބްރާހިމް ސޯލިހަށް ތުހުމަތުތަކެއް ކުރައްވައި، މުގުނީގެ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ހިންނަވަރު ވަގު އިބްރާހީމް ލީޑްކުރަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓް ވަގު މީހުންގެ ޓީމަކާ އެކީ" ކަމަށެވެ. އެ ގޮތުން, ސަރުކާރު ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް އޭނާ ވަނީ އެ ތުހުމަތު އަޅުވައިފަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީވެސް މުގުނީއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ ބަދަލުކުރެއްވީ އޭގެ ފަހުންނެވެ.

މުގުނީ އަކީ ރަސީ ސޯލިހުގެ ކޯލީޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ބޭފުޅެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މުގުނީ މަގާމުން ވަކި ކުރީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވެފައިވާތީއެވެ.