މޮންޓެނީގްރޯގައި ބޭއްވި ބްރިޖިން ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ "އާބަން އައިލް" މަޝްރޫއުގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ދައްކާލައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްކުރާ ވަފުދެއް ވަނީ ބްރިޖިން ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި މި އަހަރު ބައިވެރިވެފައެވެ. މި މަހުގެ 11 އަދި 12 ވަނަ ދުވަހު ބޭއްވި މި ބައިނަލްއަގުވާމީ ކޮންފަރެންސް ކުރިއަށްގެންގޮސްފައި ވަނީ މޮންޓެގްރޯގެ ބުޑްވާގައެވެ. މިއީ މޮންޓެގްރޯގެ ޓޫރިޒަމް މިނިސްޓްރީއާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި އާބަންކޯގެ ފަރާތުން އެކުންފުނީގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރު، އިބްރާހިމް އިނާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އާބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ޓޫރިޒަމް އައިލެންޑް، "އާބަން އައިލް"ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވެގެންދާނެ ފުރުސަތުތަކާއި، އެ މަޝްރޫއުން ލިއްބައިދޭނެ ފައިދާތަކާ ގުޅޭގޮތުން އޭނާ ވަނީ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، އަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. އާބަންކޯ އިން ބުނީ ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެއެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ބޭނުންތަކަށް އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ. މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެއެވެ.

އާބަންކޯ އިން ބުނީ މިފަދަ ގިނަ ޑިވަލޮޕްމަންޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށާއި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، އެތަނުގައި ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން އެތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށެވެ.

އާބަންކޯ އިން ބުނިގޮތުގައި އެކުންފުނިން އިސްކަމެއް ދެނީ މުޅި ޕްރެޖެކްޓު ވީހާވެސް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްގީ ކުރުމަށެވެ. އެގޮތުން އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗާ އެއް، އާބަންކޯއިން މިވަގުތު ގާއިމު ކުރަމުން އަންނަ ކަމަށާއި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް ވެންޗާ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް ރާވާފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.