ދަރިވަރުންނަށް ސަރުކާރުން ދޭ އެހީތަކަކީ ދައުލަތުން ކުރާ ހަރަދުތަކެއް ނޫން ކަމަށާއި އެއީ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށްވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި އެއީ ގައުމުގެ ތަރައްގީގެ ހުންގާނުގައި ހިފަން ތިބި މީހުން ކަމަށެވެ. އެހެންކަމުން، ތައުލީމީ ދާއިރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ އަމާޒަކީ ގައުމަށް ބޭނުންތެރި އަދި ގައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތައުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ހަރަދުތަކެއް ނޫން. އެއީ އޭގެ އަންދާޒާ މުގާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ގާއިމުކުރާ ވަރަށް ބޮޑު އިންވެސްޓްމެންޓެއް. އަދި އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބެމުންދާނެ ވަރަށް އަގުހުރި މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން 2019 ވަނަ އަހަރު ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް މިހާތަނަށް 567 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި މިހާތަނަށް 17،000 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 6500 އަށްވުރެ ގިނަ ދަރިވަރުން މިހާރު ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިލޭ ޑިގްރީގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީގައިވެސް، މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދެވޭ ކަމަށާއި ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ހަރަދުގައްޔާއި ރަހުމަތްތެރި ގައުމުތަކުގެ އެހީގެ ދަށުން ތަފާތު 25 ގައުމެއްގައި، އެކި ސްކޮލަޝިޕްތަކުގައި 418 ދަރިވަރުން މިހާރުވެސް މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ސްކޮލަޝިޕްތަކަށް މިހާތަނަށް މި ސަރުކާރުން 528 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ލޯނު އެހީގެ ދަށުން މަތީ ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ވެސް ކުރިއާ އަޅައި ބަލާއިރު، މިހާރު ވަރަށް ބޮޑަށް އިތުރުކުރެވިއްޖެ. މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަ ފަހަރެއްގެ މަތިން ހުޅުވާލައިފި. އެ ހަ ފުރުސަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ވަނީ ލޯނު އެހީ ދީފައި. މިދެންނެވި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން ނިންމައިފި. އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަދޭ. އަދި ބައެއް ދަރިވަރުން މިހާރު ތިބީ ކިޔެވުން ފަށަން ތައްޔާރުވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މެރިޓް ސްކޮލަޝިޕްގެ ނަމުގައި، މިއަހަރުގެ ތެރޭގައި ސަރުކާރުން އަލަށް ސްކޮލަޝިޕް ސްކީމެއް ތައާރަފުުކުރުމަށް ނިންމަވާފައިވާކަން ވެސް އިއުލާންކުރައްވައިފައެވެ. މެރިޓް ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލަޝިޕްގައި ނުހިމެނޭ ދަރިވަރުންނަށެވެ.

"މިއީ އެ ދަރިވަރަކު ޔުނިވާސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާ ހޯދާ ދަރިވަރުންނަށް އަޅުގަނޑުމެން ހާއްސަކުރާ ސްކޮލަޝިޕެއް. މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިއުލާން ކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ބޭއްވި ޖަލްސާގައި މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންގެ މަގާމު ހާސިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް 17 ދަރިވަރަކު ހާސިލުކުރިއެވެ. އަދި ހައި އެޗީވާސް ސްކޮލަޝިޕް 138 ދަރިވަރަކު ހާސިލުކުރިއެވެ.