ޚަބަރު

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ މެންބަރުން އެމްޑީޕީ ވަކިރުން ގޮވާލައި އިހުތިޖާޖު ކޮށްފި

އިބްރާހިމް ޒަކީ

އެމްޑީޕީގައި ތިއްބަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ މެންބަރުން ޕާޓީން ވަކިކުރަން ގޮވާލައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.

އެމްޑީޕީގެ މައި އޮފީސް ކުރިމަތީގައި މި އިހުތިޖާޖުގައި އިސްވެ ހުންނެވީ އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކެވެ.

މި އިހުތިޖާޖުގައި ބޭނުންކުރި ލިޔުންތަކުގައި ވަނީ، ޕާޓީއަށް ޣައްދާރުވި މެންބަރުން ވަކި ކުރުމަށާއި، މެންބަރުންނާމެދު ތަފާތު ނުކުރުމަށް ގޮވާލައިފައެވެ. ނަމަވެސް ރީކޯ މޫސަ ފޯނު ނުނަންގަވާތީ އޭނާގެ ބައެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްޑީޕީގެ ޕީޖީ މެންބަރެއްގެ ގޮތުގައި ހުންނަވައި، އެ ޕާޓީގެ ވިޕްލައިނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއްގައި މޫސަ މީގެކުރިން އެމްޑީޕީން ވަކި ކުރީ 2016 ވަނަ އަހަރުއެވެ.

ނަމަވެސް އެމްޑީޕީގައި ތިބެ، ރައީސް ނަޝީދަށް ބައިއަތުހިފައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަޖިލިސް ތަޅުމުގައި މަސައްކަތް ކުރަމުންގެންދާ "ފިކުރުގެ ދިރުން" ގެ މެންބަރުން ވަނީ ތަކުރާރުކޮށް އެމްޑީޕީގެ ވިޕްލައިނާ ހިލާފު ވެފައެވެ.

ނަމަވެސް މިހާތަނަށް އެއްވެސް މެންބަރަކާމެދު ފިޔަވަޅު އަޅައިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު މައްސަލަ އުފެދި، ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންގެ ގޮތުގައި "ފިކުރުގެ ދިރުން" އުފެދުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިންނެވެ.

އެ ވާދަވެރިކަމުގައި ފިކުރުގެ ގުޅުމުގެ މެންބަރުން ދަނީ އިދިކޮޅު ފަރާރްތަކާއެކު ސަރުކާރާ ދެކޮޅަށް މަޖިލިސް ތެރެއިން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އޭޖީގެ މައްޗަށް އެމީހުން ތުހުމަތު ކުރަނީ، ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތެވެ. ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް، އެމްއެންޕީ، ޖޭޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ސޮޔާ އެކު އެވެ.

އެ މައްސަލަ މަޖިލީހަށް ވެއްދިކަން އިއުލާން ކުރެއްވުމަށް މިދިޔަ ހަފުތާގައި މަޖިލިސް އިދާރާގާއި ބޭއްވި ނިއުސްކޮންފަރެންސެއްގައި، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގައި 68 މެންބަރުންގެ ތެރެއިން، ރައީސް ސޯލިހާ އެކު 59 މެންބަރުން އެބަ ތިއްބެވިއެވެ. އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް އިދިކޮޅަށް އަދި ހަމަވާނީ، 28 ވޯޓެވެ.

މި މައްސަލަ ކާމިޔާބުވިޔަ ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.