ރާއްޖޭގައި މީހުން ދިރިއުޅޭ 20 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ "އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ" (އެޝުއާ) ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން މި މަޝްރޫއަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ ގޮތަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އަތޮޅު ތެރޭގެ 20 ރަށެއްގައި "20 މެގަވޮޓް ގްރިޑް ޓައިޑް ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމް" ހަރުކުރަން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ. އެ ރަށްތަކަކަކީ؛

1. ހއ.ދިއްދޫ

2. ހދ.ހަނިމާދޫ

3. ށ.މިލަންދޫ

4. ނ.މަނަދޫ

5. ނ.ހޮޅުދޫ

6. ނ.ވެލިދޫ

7. ބ.ދަރަވަންދޫ

8. ބ.ތުޅާދޫ

9. ރ.އަލިފުށި

10. ރ.ހުޅުދުއްފާރު

11. މ.މުލި

12. މ.މުލަކު

13. މ.ވޭވަށް

14. މ.ރަތްމަންދޫ

15. ފ.ނިލަންދޫ

16. ތ.ގުރައިދޫ

17. ތ.ތިމަރަފުށި

18. ގއ.މާމެންދޫ

19. ގދ.ގައްދޫ

20. ގދ.ފަރެސްމާތޮޑާ

މި މަޝްރޫއަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައިވަނީ އޮގަސްޓްމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަޝްރޫގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ނުވަތަ 7.6 މިލިއަން ދިވެހި ފައިސާ ބަހައްޓަންޖެހެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމަކީ ސަރުކާރުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރުވެސް މުޅި ރާއްޖޭގައި 53 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކޮށްފައިވާއިރު އިތުރު 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކާ މިދިޔަ ޖެނުއަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ. ރާއްޖޭގައި މިހާރު ގާއިމުކޮށްފައިވާ ސޯލާ ޕީވީ ސިސްޓަމްތަކުގެ ތެރެއިން 36.5 މެގަވޮޓަކީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގާއިމުކޮށްފައިވާ ސިސްޓަމްތައް ކަމަށް ސަރުކާރުން ބުނެއެވެ.