އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުގައި އެވަޓަން ބަލިކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ސިޓީން މިރޭ ރަށުން ބޭރުގައި އެވަޓަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީއަށް ވަނީ ތަށި ދިފާއުކުރުމަށް ފުރުސަތު ފަހިވެފައެވެ. މިވަގުތު ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް ލީގުގައި ބާކީ ތިން މެޗު އޮތް އިރު، އެ ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަމިއްލަ ބާރުގައި ލީގު ޔަގީންކުރެވޭނެއެވެ. ސިޓީން ދެން ކުޅެން އޮތީ ޗެލްސީގެ އިތުރުން ބްރައިޓަން އަދި ބްރެންޓްފޯޑު މެޗެވެ.
މިހާތަނަށް ލީގުގައި ކުޅުނު 35 މެޗުގެ ތެރެއިން 27 މެޗުން މޮޅުވި ސިޓީއަށް ވަނީ 85 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އާސެނަލް އޮތީ 36 މެޗުން 81 ޕޮއިންޓާއެކުގައެވެ.
މެޗު ފެށިގެން އެވަޓަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ކުރީކޮޅުގައި މޭސަން ހޮލްގޭޓަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އެވަޓަންއިން ފުރުސަތު ނަގާލި ނަމަވެސް، ސިޓީއަށް ލިބުނު ފުރުސަތުގައި އެޓީމުން ލީޑު ނެގިއެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައިގައި ރަނގަޅު ޓަޗެއް ޖައްސާލައި ސިޓީއަށް ލީޑު ނަގައިދިނީ އިލްކޭ ގުންޑޮގަންއެވެ.
މިރޭގެ މެޗުގައި ސިޓީގެ ތަރިއަކީވެސް ފުރަތަމަ ގޯލު ޖެހި ގުންޑޮގަންއެވެ. ފުރަތަމަ ގޯލަށް މާ ގިނައިރެއް ނުވެ، މެޗުގައި ސިޓީން ޖެހި ދެވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލު ޖެހީ މި ސީޒަނުގައި މިހާތަނަށް ރެކޯޑު އަދަދަކަށް ލީގުގައި ގޯލު ޖަހާފައިވާ އާލިން ހާލަންޑެވެ. ހާލަންޑް މިރޭގެ މެޗުގައި ޖެހި ގޯލަކީ މިހާތަނަށް ސީޒަނުގައި ޖެހި ޖުމުލަ 52 ވަނަ ގޯލެވެ.
މެޗުގައި މޮޅަށް ކުޅެމުން ދިޔަ ސިޓީން ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ ގުންޑޮގަންގެ ހިތްގައިމު ހިލޭ ޖެހުމެކެވެ. ގުންޑޮގަން ޖެހި ހިލޭ ޖެހުން ގޯލުގެ ކަނަށް އަމާޒުކޮށްލައި ސިޓީއަށް މޮޅު ޔަގީންކޮށްދިން އިރު، މެޗުން ބަލިވި އެވަޓަން އޮތީ އުނދަގޫ ހާލަތެއްގައެވެ.
އެވަޓަންއަށް ލީގުގައި ބާކީ ދެން ދެ މެޗު އޮތް އިރު، އެޓީމު ރެލިގޭޝަން ޒޯނަށް ނުވެއްޓި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެއްގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު