ކުޑަކުއްޖެއްގެ މޫނުމަތީގައި ޖެހި މައްސަލައިގައި ފުލުހަކު 18،000 ރުފިޔާއިން ޖޫރިމާނާކޮށް، އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކުއްޖަކަށް އަނިޔާކުރުމުން ޖޫރިމާނާކުރީ ލ. ހިތަދޫ، ޕޫނަމް، ނަޝީދު މުހައްމަދެވެ.
އެ ހާދިސާގައި ކަން ހިނގާފައިވާ ގޮތަކީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 18:30 ގައި ސ. ފޭދޫ، ދިރިމާގެ އަހްމަދު ސާޖީ ސައީދު އިތުރު ބަޔަކާއެކު ސ. ފޭދޫ އޯކިޑްމަގުގެ މުލައްޑޫ ގަރާޖު ކައިރިން ހިނގާފައިދަނިކޮށް، ނަޝީދު ވަނީ އޭނާގެ ކައިރިއަށް އައުމަށް ސާޖީއަށް އަންގައިފައެވެ. ސާޖީ އޭނާގެ ކައިރިއަށް ދިޔުމުން ނަޝީދު ވަނީ އޭނާގެ ވައަތްފަރާތުގެ ކަންފަތްމަތީގައި ޖަހައިފައެވެ. އެކަމުގެ ސަބަބުން ސާޖީއަށް އަނިޔާވެފައިވާ ކަމަށް މެޑިކޯ ލީގަލް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ދައުލަތުން ވަނީ ނަޝީދުގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ.
އެ ދައުވާއަށް ނަޝީދު ވަނީ އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ ސާޖީއަށް އަނިޔާކޮށްފައިނުވާނެ ކަމަށެވެ.
އެހެންވެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ހެކި ހުށަހަޅައިފައެވެ. އަދި ނަޝީދުގެ ފަރާތުން ވަނީ ދިފާއުގައި ހެކި ހުށަހަޅައިފައެވެ. ނަމަވެސް ގާޒީ ނިންމެވީ ދައުލަތުގެ ހުށަހަޅާފައިވާ ހެކިތަކައް ރިއާޔަތްކޮށް މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ.
ނަޝީދުގެ މައްޗަށް ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ ހަތް ހެކިން ހުށަހަޅައިފައެވެ. އެ ހެކިންގެ ތެރެއިން މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރު ރާއްޖޭގައި ނެތުމުން އޭނާގެ ހެކިބަސް ނުނެގުމަށް ވަނީ ނިންމައިފައެވެ.
ޝަރީއަތަށް ހެކިބަސް ދިން އަހުމަދު ޝަމީލް ހެކިބަސް ދެމުން ބުނެފައިވަނީ ނަޝީދު، ސާޖީގެ މޫނުމަތީގައި ޖެހި މަންޒަރު ފެނުނު ކަމަށެވެ. ނަމަވެސް އޭނާ ފުލުހުންގެ ތަހުގީގަށް ބުނެފައިވަނީ ޖެހި މަންޒަރު ނުފެންނެ ކަމަށެވެ. އެހެންވެ އޭނާގެ ހެކި ބަހަށް ޝަރީއަތުން ރިއާޔަތްކޮށްފައެއް ނުވެއެވެ. ދައުލަތުގެ ފަރާތުން ހުށަހެޅި އެހެން ހެކިން ވަނީ ދައުވާގައިވާ ގޮތަށް ހެކިބަސް ދީފައެވެ.
ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިން ބުނެފައިވަނީ ސާޖީ، ރިފްލެކްޓަރެއްގައި ޖެހުމުން ނަޝީދު ގޮސް ސާޖީގެ ކޮނޑުގައި އަތްއަޅުވާލުމަށްފަހު މަޑުކުރުމަށް ބުނި ކަމަށެވެ. ސާޖީގެ ގައިގައި ނަޝީދު ޖެހި މަންޒަރު ނުފެންނެ ކަމަށް ނަޝީދުގެ ފަރާތުން ހުށަހެޅި ތިން ހެކިން ވަނީ ބުނެފައެވެ.
ދެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ޝަރީއަތުން ފާހަގަކުރީ، ދިފާއުން ހެކި ބަސް ދީފައިވަނީ ދައުލަތުން ހުށަހެޅި ހެކިން ހާދިސާ ހިނގިގޮތް ބަޔާންކޮށްފައިވާ ގޮތާ ދިމާ އިދިކޮޅަށް ކަމަށެވެ. ނަމަވެސް ނަޝީދު، ސާޖީގެ ގައިގައި ޖެހިކަމަށް ބުރަވާން ޖެހޭ ކަމަށާއި އެއީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ބަޔާނަށް ބާރު ލިބޭ ގޮތަށް މެޑިކޯ ލީގަލް ރިޕޯޓް ހުށަހަޅާފައިވާތީ ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން ސާޖީގެ ވައަތުކަންފަތް ވަނީ ވަރަށް ބޮޑަށް ދުޅަވެފައި ކަމަށެވެ.
އެހެންކަމުން މި ހާލަތުގައި އިންސާފުގެ މަގަށް ވާސިލުވުމުގައި ނަޝީދު ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ރިއާޔަތްކުރުމާ ދުރުވާން ޖެހޭކަމަށް ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ. އެހެންވެ ގާޒީ ވަނީ ނަޝީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.
ނަޝީދުގެ މައްޗަށް ކުރާ އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ނަޝީދުގެ ކުށުގެ އަމަލު ހިންގާފައިވަނީ ކުޑަކުއްޖަކަށް ކަމަށް ވުމުން އެ ކުށުގެ އަދަބަ އެއް ދަރަޖަ މަތިވެ، ތިން މަސް ދުވަހުގެ ޖަލު އަދަބަކަށް ބަދަލުވާނެއެވެ.
ނަޝީދުގެ ފަރާތުން އެދިފައިވަނީ އޭނާގެ މައްޗަށް އަންނަ ތިން މަސް ދުވަހުގެ ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށެވެ. ދައުލަތުން ވަނީ އެގޮތަށް އަދަބު ބަދަލުކޮށް ދިނުމުގައި އިއުތިރާޒު ނުކުރާކަމަށް ވިދާޅުވެފައެވެ.
އެހެންވެ ގާޒީ ވަނީ ތިން މަސް ދުވަހުގެ ޖަލު އަދަބުގެ ބަދަލުގައި ނަޝީދު 18،000 ރުފިޔާއިން ޖޫރިމާނާކޮށް، އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ. ނަޝީދު އެދުނު ގޮތަށް ހުކުމްކުރީ އޭނާއަކީ ވަޒީފާ އަދާކުރަމުންދާ މީހަކަށް ވެފައި، މިއީ އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ކުށަށް ވާތީއެވެ.
މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ޝަފީއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު